ބަދަލުގެ ގޮތުގައި ބޮޑު ޚަރަދެއް ކުރާތީ އިންތި ކަންބޮޑުވެއްޖެ
ކޮންމެ އަހަރަކު ވެސް ބަޖެޓު ކުރާ އަދަދަށް ވުރެ އިތުރަށް އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ޖެހޭތީ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މި ސަރުކާރުން މިހާތަނަށް 2 ބިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވެއެވެ. އަދި އެންމެ ބޮޑު ބަދަލެއް ދީފައި ވަނީ، މި ސަރުކާރުގެ ފުރަތަމަ އަހަރުގައެވެ. އެގޮތުން 2019 ވަނަ އަހަރު ބަދަލުގެ ގޮތުގައި 50.4 މިލިޔަން ރުފިޔާ ބަޖެޓް ކުރި ނަމަވެސް، އެ އަހަރު ބަދަލުގެ ގޮތުގައި 1.5 ބިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މިއަހަރު ބަޖެޓްގައި 100.2 މިލިޔަން ރުފިޔާ ބަދަލުގެ ގޮތުގައި ކަނޑައެޅި ނަމަވެސް، މިހައިތަނަށް ބަދަލުގެ ގޮތުގައި 217.7 މިލިއަން ރުފިޔާ ބަދަލުގެ ގޮތުގައި ވަނީ ހޭދަކޮށްފައެވެ.
2022 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭ ގޮތުން މިހާރު މަޖިލީހުގައި ކުރިޔަށްދާ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ، ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދައްކަން ޖެހޭ ފައިސާގެ ސަބަބުން ދައުލަތް ދަރަނިވެރިވާތަން ފެންނަ ކަމަށެވެ. އަދި މިކަން ޙައްލު ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި އާބިޓްރޭޝަނަށް ދާ މައްސަލަތަކުގައި ވެސް ދައުލަތް ކާމިޔާބު ކުރެވޭނެ ގޮތަކަށް، ފަރުވާތެރިކަމާއެކު ކަންތައް ކުރެއްވުމަކީ މުހިންމު ކަމެއް ކަަމަށް ވެސް އިންތި ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދައުލަތުން، ސަރުކާރުން އެކިއެކި ފަރާތްތަކާ އެކުގައި ކުރެވޭ ކޮންޓްރެކްޓްތައް އެއީ ހަރުދަނާ ގޮތުގައި، ވަރަށް ފުރިހަމައަށް އެކުލަވައިލެވޭ ކޮންޓްރެކްޓްތަކަކަށްވާން އެބަ ޖެހޭ. ކޮންޓްރެކްޓްތަކުގެ ބަލިކަށިކަމުން ގޮސް ދައުލަތުން އެހެން ފަރާތްތަކަށް ދޭން ޖެހޭ ބަދަލު ދިނުންތަކުން، ދައުލަތް ދަރާ ހިސާބަށް ދާހެން ހީވާތީ، މިކަމުގައި ވަރަށް ފަރުވާތެރިވާން ޖެހޭ" އިންތި ވިދާޅުވިއެވެ.
އިންތިގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދައުލަތަށް ލިބެން ޖެހޭ އާއްމުދަނީގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދުތައް ހޯދުމަށްވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެމްއެންޕީއާރުސީގެ ޚިޔާނާތުގެ ފައިސާއާއި ވެންޓިލޭޓަރުގެ ޚިޔާނާތުގެ ފައިސާ ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އިންތި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގެ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި މި މަސައްކަތް ނުކޮށްފި ނަމަ އަނެއްކާ ވެސް އެކަން ނުބެލޭނެ ގޮތް ވެދާނެ" އިންތި ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ހޯދުމަކީ ރައީސް ޞާލިޙްގެ ރިޔާސީ ވައުދެކެވެ.