ބައިނަލްއަގުވާމީ މީޑިއާތަކުން އާރްޔާންގެ ވާހަކަ ދައްކަން ޝާހު ދެކޮޅުހަދައިފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މިދިޔަ މަހު ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށް ފަހު ދޫކޮށްލި މަޝްރޫހު އައިކޮން ޝާހުރުކް ހާންގެ ދޮށީ ދަރިފުޅު އާރްޔާން ހާންއާ ގުޅޭ ގޮތުން ވާހަކަ ދައްކަން އެދުމުން ޝާހު އެކަމާ ދެކޮޅު ހަދައިފިއެވެ.
ޝާހުގެ ވަރަށް ގާތް ފަރާތަކާ ހަވާލާދީ ބޮލީވުޑް ހަބަރުތައް ގެނަސްދޭ ބައެއް ނޫސްތަކުން ބުނީ އާރްޔާންގެ ވޭދަނައާ ގުޅޭ ގޮތުން ވާހަކަދައްކަން ޝާހު ކައިރީގައި އެތައް މީޑިއާތަކަކުން ދަނީ އެދެމުންނެވެ. އަދި ބައެއް މީޑިއާތަކުން އެކްސްކްލޫސިވް އިންޓަރވިއު ދިނުމަށް ޝާހުއަށް ފައިސާ ވެސް ހުށަހަޅައިފައިވާކަމަށް ވެއެވެ.
އެހެން ނަމަވެސް ޝާހު ގެންދަނީ މިމައްސަލައިގައި މީޑިއާގައި އެއްވެސް ވާހަކައެއް ދެއްކުމަށް ދެކޮޅު ހަދަމުންނެވެ. އާރްޔާން ހައްޔަރު ކުރުމަށް ފަހު މިހާތަނަށް އެއްވެސް ކަމަކާ ގުޅިގެން ޝާހު މީޑީއާގެ ކުރިމައްޗަށް އައިސްފައެއް ނުވެއެވެ. ޝާހު ވަނީ އޭނާ މަސައްކަތް ކުރަމުން ދިޔަ ބައެއް ފިލްމުތަކުގެ ޝޫޓިންތައް ވެސް މެދުކަނޑައިލައިފައެވެ. އަދި ތާވަލުކޮށްފައި ހުރި ބައެއް ޝޫޓިންތައް ލަސް ވެސް ކުރިއެވެ.
އާރްޔާން ހައްޔަރު ކުރީ މުމްބާއިގައި އޮތް ކްރޫޒް ޝިޕެއްގައި މަސްތުވާތަކެއްޗާ އެކު ޕާޓީ ކުރަނިކޮށް އޭނާގެ އިތުރު ހަ ރަހުމަތްތެރިއަކާ އެކުއެވެ. އެ ރޭވް ޕާޓީ ތެރެއިން މަސްތުވާތަކެތި އަތުލައިގަތް ނަމަވެސް އާރްޔާންގެ ގައިން މަސްތުވާ އެއްވެސް އެއްޗެއް ފެނިފައެއް ނުވެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުން އާރްޔާންގެ ލޭގެ ޓެސްޓުން ވެސް މަސްތުވާ އެއްވެސް އެއްޗަކަށް ފައްސި ވެފައެއް ނުވެއެވެ.
އެހެން ނަމަވެސް އާރްޔާންގެ ފޯނުން އޭނާ މަސްތުވާއެއްޗެހި ބޭނުންކުރާ ކަމަށާއި މަސްތުވާތަކެތި ހޯދަން އޭނާ ޑީލްކުރަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ޑީލަރާކަން ވަނީ ފަޅައި އަރައިފައެވެ. ބައެއް ޚަބަރުތައް ބުނާ ގޮތުގައި އާރްޔާން މަސްތުވާތަކެތި ބޭނުންކޮށްގެން ހުރިކަމުގެ ހެކި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ލިބުނު ނަމަވެސް އެކަން ސިއްރު ކުރަނީއެވެ.
އާރްޔާން ދޫކޮށްލުމާ އެކު ބައެއް މީޑިއާތަކުން ވަނީ ޝާހު އެންސީބީއަށް ފައިސާ ދިންކަމަށް ރިޕޯޓުކޮށްފައެވެ. އެގޮތުން 3 ކްރޯރް ރުޕީސް ރިޝްވަތުގެ ގޮތުގައި އެންސީބީގެ ވެރިންނަށް ދިންކަމަށް ބުނެވެއެވެ. މިކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް މީޑިއާގެ ކުރިމައްޗަށް ނައި ނަމަވެސް އާރްޔާންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިޔުމުން ޝަރީއަތުގެ މަޖިލީހުގައި އެކަކު ވަނީ ޝާހު ރިޝްވަތު ދިންކަމަށް ހެކިބަސް ދީފައެވެ.