ޚަބަރު

"އިންޑިއާ އައުޓް" ކެންޕެއިނަކީ ދިވެހިން ބަދުނާމުކޮށް، އެކަހެރި ކުރަން ހިންގާ ހަރަކާތެއް: ވައްޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގައި އިންޑިއާ އަސްކަރިއްޔާ ސިފައިން ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއިން އިސްކޮށް އޮވެ، ހިންގަމުން އަންނަ "އިންޑިއާ އައުޓް"ފަދަ ކެންޕެއިންތަކުން ދިވެހިނަށް ނޭދެވޭ އަސަރު ކުރާ ކަމަށް ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Ads by MWSC

އިންޑިއާ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމުން ސިލްސިލާ ގޮތެއްގައި އަޑު އުފުލައި ހިނގާލުންތައް ބާއްވަމުންދެއެވެ. މިގޮތުން މިއަދު ވެސް މި ފަދަ ހިނގާލުމެއް ކުރިޔަށްދާނެ ކަމަށް އިދިކޮޅުން ހާމަކުރެއެވެ.

މިއަދު ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަވައްޓެރި ޤައުމުތަކާ ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހީން ބަދުނާމުކޮށް ދުނިޔެއިން އެކަހެރި ކުރުވަން މަދު ބަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމަށެވެ. އަދި އެހެން ޤައުމެއްގެ ބަޔަކު ‘މޯލްޑިވްސް އައުޓް’ ގޮވަން އަޅުގަނޑުމެން ނުރުހޭ ފަދައިން، އެ ޤައުމުތަކުގެ ރައްޔިތުންނަށް ވެސް މިފަދަ ކަންކަމުން އަސަރުކުރާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

"އިންޑިޔާ އައުޓް، ލަންކާ އައުޓް، ބަނގްލަދޭޝް އައުޓް… މިބާވަތުގެ ބަސްމަގު ބޭނުންކޮށްގެން އަވައްޓެރި ޤައުމުތަކާ ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހީން ބަދުނާމުކޮށް ދުނިޔެއިން އެކަހެރި ކުރުވަން މަދު ބަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް." ވައްޑެގެ ޓްވީޓްގައި ވިދާޅުވިއެވެ.

ވައްޑެގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ، މީގެ ނުރަގަޅު އަސަރާ ދިވެހީންނަށް ވެސް ކުރިމަތިލާން ޖެހިދާނެ ކަމަށެވެ. އަދި މިފަދަ ކަންކަން ހުއްޓުވެން ވާނެ ކަމަށް ވައްޑެ ވިދާޅުވިއެވެ.

އިންޑިއާއާ އެކު ރާއްޖޭގެ ސަރުކާރު ސިއްރު އެއްބަސްވުންތަކެއް ހަދައިފައިވާ ކަމަށް އިދިކޮޅުން ހާމަކުރެއެވެ. ސަރުކާރުން ވަނީ އިދިކޮޅުން ތުހުމަތުކުރާ ބައެއް އެއްބަސްވުންތައް ހާމަކުރާން ދެކޮޅު ހަދައިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!