އިންޑިއާ ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ވެފައިވާ އުތުރު ތިލަފަޅުގެ އެއްބަސްވުމުގެ މައުލޫމާތު ހާމަނުކުރަތީ ސަރުކާރާއި އެމްޑީޕީއަށް އެކިފަރާތްތަކުގެ ޕްރެޝަރު ބޮޑުވެ، އެ މައުލޫމާތު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށްދިނުމަކީ ބޭނުންތެރި ކަމެއްކަމަށް އެމްޑީޕީގެ ޗެއަރޕާސަން ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވުމާ އެކު ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު ރައްދު ދެއްވައިފިއެވެ.
މެމްބަރު ހަސަންގެ ޓްވީޓަށް ރައްދު ދެއްވައި މެމްބަރު އިސްމާއިލް ވިދާޅުވީ 214 ކޮމެޓީގައި އިންނަވައި އޭގެ އަސްލު ގާނޫނީ ޒިންމާ އަދާ ކުރެއްވުމުގެ ބަދަލުގައި ޝޯޝަލް މީޑިއާގައި މިވާހަކަ ދެއްކެވުމުން ލަދުވެތިވާ ކަމަށެވެ. އަދި ސުވާލު އުފެދޭ ނަމަ ހަވާލުވެ ހުންނެވި ގާނޫނީ ޒިންމާ އަދާކުރެއްވުމަށް ހަނދުމަ ކޮށްދެއްވާ ކަމަށް ވެސް މެމްބަރު އިސްމާއިލް ވަނީ ވިދާޅުވެފައެވެ.
މެމްބަރު އިސްމާއިލްގެ މި ޓްވީޓަށް ރައްދު ދެއްވައި މެމްބަރު ހަސަން ލަތީފް ވިދާޅުވީ ސުވާލު އުފެދެނީ އެ ބޭފުޅާއަށް ނޫން ކަމަށާއި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލަން މަސައްކަތް ކުރައްވާތީ ކަން އޮތް ގޮތް ކިޔައި ނުދެވޭ ނަމަ އޮޅުވާލާ މީހުންނަށް އެކަން ކުރަން ފަސޭހަ ވާނެތީ އެ ވާހަކަ ދަންނަވާލީ ކަމަށެވެ.
އުތުރުތިލަފަޅު އެއްބަސް ވުމުގައި ރާއްޖޭގެ މިނިވަންކަމަށް އަސަރު ކުރާނެ ކަންކަން އެބަހުރި ކަމަށް ބުނެ އިދިކޮޅުންދަނީ އެ އެއްބަސްވުމުގެ ތަފްސީލު ހާމަކޮށްދިނުން އެދި ސަރުކާރަށް ޕްރެޝަރު ކުރަމުންނެވެ.
އުތުރުތިލަފަޅު އެއްބަސްވުމާ ގުޅޭ ގޮތުން މީގެ ކުރިން "ދިޔަރެސް" ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން ހޯދަން އެދުނު މައުލޫމާތު ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ޑިފެންސް މިނިސްޓްރީއަށް ވަނީ މިދިޔަމަހުގެ 14 ވަނަ ދުވަހު އަންގައިފައެވެ.
އެހެން ނަމަވެސް އުތުރުތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުން ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ޑިފެންސް މިނިސްޓްރީއަށް ދިން މުހުލަތު ހަމަވިއިރު ވެސް އެ އެއްބަސްވުން ހާމައެއް ނުކުރެއެވެ.