އޯޑިއޯ މައްސަލަ: ދަތުރުފުޅެެއްގައި އިންޑިއާގައި އުޅުއްވާތީ ފުލުހުންގެ ވެރިޔާއާ ބައްދަލެއް ނުވި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ހޯއްދެވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ އިސް ބޭފުޅުން އަނެއްކާ ވެސް ފުލުހުންގެ އިދާރާއަށް މިއަދު ވަޑައިގެންފިއެވެ.
ޝަހީދު ޙުސެއިން އާދަމް ބިލްޑިންގަށް ވަޑައިގަތުމަށް ފަހު ނިކުމެވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިދިކޮޅު ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެބޭފުޅުން ޕޮލިހަށް ވަޑައިގަތީ ތަކުރާރުކޮށް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދާ ބައްދަލުކުރައްވަން ސިޓީ ފޮނުވައި އެޔަށް ޖަވާބު ނުލިބުމުން ކަމަށެވެ.
އަދުރޭ ވިދާޅުވީ އޯޑިއޯތަކާ ގުޅިގެން މީގެ ކުރިން ވެސް ފުލުހުންނާ ސުވާލު ކުރެއްވުމުން އެ އެއްޗެހި ތަހުލީލުކުރަން ރާއްޖެއިން ބޭރަށް ފޮނުވައިފައިވާ ކަމުގެ މައުލޫމާތު ދެއްވި ކަމަށާއި 10 ދުވަސް ތެރޭގައި އޭގެ ނަތީޖާ ލިބޭނެ ކަމަށް ވެސް ވިދާޅުވި ކަމަށެވެ.
ނަމަވެސް އޭގެ ފަހުން އިތުރު 10 ދުވަސް ފާއިތުވެއްޖެ ކަމަށް ވިދާޅުވެ އަދުރޭ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފައެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ފުލުހުން މި މައުލޫމާތު ހިއްސާކޮށްފައި ވަނިކޮށް ޖޭއެސްސީން އެ މައްސަލަ ތަހުގީގުކޮށް ހެދި ޓެސްޓަކުން އަޑު ދިމާވެފައި ވަނީ އެންމެ ފަނޑިޔާރެއްގެ ކަމަށެވެ.
"އަޅުގަނޑަކަށް ނޭންގެ އެއީ ޖޭއެސްސީއިން ކިހިނެއް ނިންމި ނިންމުމެއް ކަމެއް. އެމީހުންނެއް ނޫން މިފަދަ ތަހުގީގުތައް ހިންގަން ޖެހޭނީ. އެއީ ފުލުހުންގެ މަސައްކަތެއް،" އަދުރޭ ވިދާޅުވިއެވެ.
ޕީއެންސީގެ ރައީސް އިތުރަށް ވިދާޅުވީ، މިއަދު ފުލުހުންގެ އިދާރާއަށް ވަޑައިގަތް ނަމަވެސް ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލު ކުރެެއްވޭ ގޮތެއް ނުވި ކަމަށެވެ. ސަބަބެއް ކަމަށް ވިދާޅުވެފައި ވަނީ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް "އިންޑިއާއައުޓް"ގެ ނަމުގައި ސިލްސިލާކޮށް ހަރަކާތްތަކެއް ހިންގާތީ، ސީޕީ ހުންނެވީ އެކަމާ ގުޅޭ ގޮތުން އިންޑިއާއާ މަޝްވަރާކުރެއްވުމަށް އިންޑިއާގައި ކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދީފައިވާ ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.