ޚަބަރު

ލަފާ ކުރި ވަރަށް އާއްމުދަނީއެއް ނުލިބޭނެ، ބަޖެޓް ކުޑަ ކުރަން ޖެހޭ: އިދިކޮޅު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

2022 ވަނަ އަހަރަށް ސަރުކާރުން ލަފާ ކުރި ވަރަށް އާއްމުދަނީ ނުލިބޭނެ ކަމަށާއި ބަޖެޓް ކުޑަ ކުރުމަށް އިދިކޮޅު ޕްރޮގްރަސިވް ކޯލިޝަނުން މިއަދު ގޮވައިލައްވައިފިއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި އަންނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރެއެވެ. އަދި އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ، 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއްކަން ފާހަގަކޮށްލެވެއެވެ.

ބަޖެޓާ ގުޅޭ ގޮތުން އިދިކޮޅުގެ ކަންބޮޑުތައް ހިއްސާ ކުރުމަށް މިއަދު އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލިމަންޓަރީ ގުރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ހުށަހަޅައިފައިވާ ބަޖެޓަކީ ރައްޔިތުން ބަނޑަށް ޖައްސާނެ ބަޖެޓެއް ކަމަށެވެ. އަދި އިދިކޮޅުން ބަޖެޓް އޮތް ގޮތަށް ފާސް ކުރަން ތާޢީދު ނުކުރައްވާ ކަމަށާއި ބަޖެޓުން ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާއްމުދަނީ ނުލިބޭނެ ކަމަށް ވިދާޅުވިއެވެ.

"37 ބިލިޔަން ރުފިޔާގެ ބަޖެޓަކަށް މި ބޭފުޅުން އަންދާޒާ މިކުރީ 24 ބިލިޔަން ރުފިޔާގެ އާއްމުދަނީއެއް ލިބިދާނެ ކަމަށް. މިއީ ހަމަ މުޅިން ރޯ ދޮގު. މިވަރުގެ އާއްމުދަނީއެއް އެންމެ ރަނގަޅަށް ކަންތައް ދިޔަޔަސް ނުލިބޭނެ ކަމަށް އަޅުގަނޑުމެން މި ފާހަގަ ކުރަނީ" ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ވާހަކަފުޅުގައި ވިދާޅުވީ، ބަޖެޓް އޮތް ގޮތަށް ފާސްކޮށްފި ނަމަ، ރާއްޖޭގެ ދަރަނި 13 ބިލިޔަން ރުފިޔާ އިތުރުވާނެ ކަމަށެވެ. އަދި އެވްރެޖްކޮށް، މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ކޮންމެ އަހަރަކު 13 ބިލިޔަން ރުފިޔާގެ ދަރަނި އުފައްދާ ކަމަށާއި މި ސަރުކާރުގެ ތިން އަހަރުގައި 48 ބިލިއަނަށް އަރައިފައިވާ ކަމަށް ސަލީމް ވިދާޅުވިއެވެ. ސަލީމް ވިދާޅުވީ، ރައީސް ޔާމީންގެ މުޅި ދައުރުގައި ދަރަނި އިތުރުވެފައި ވަނީ 22 ބިލިޔަން ކަމަށެވެ.

އެހެން ނަމަވެސް ފިނޭންސް މިނިސްޓަރުގެ ހިސާބުތައް އިދިކޮޅުގެ ހިސާބުތަކާ ދިމަލެއް ނުވެއެވެ. ފިނޭންސް މިނިސްޓަރު މަޖިލީހަށް ވަޑައިގެން ދައުލަތްތަކުގެ ދަރަނި ކިޔައިދެއްވަމުން  ވިދާޅުވެފައިވަނީ، ރައީސް ޔާމީންގެ ސަރުކާރުގައި 39.6 ބިލިއަން ރުފިޔާ ދަރަނި އިތުރުވި ކަމަށާއި ރައީސް ޞާލިޙްގެ ސަރުކާރުގައި އިތުރުވީ 34 ބިލިޔަން ރުފިޔާގެ ދަރަނި ކަމަށެވެ.

ސަލީިމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ބަޖެޓުން މިހާރުން މިހާރަށް 20 ޕަސެންޓް އުނިކުރަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފިނަމަ ދިވެހީން ދެން ކުރިމަތިލާ ރޯދަ މަސް ވެގެންދާނީ އެންމެ ދަތީގައި އުޅެން ޖެހޭ ރޯދަ މަހަށް ކަމަށް ސަލީމް ވިދާޅުވިއެވެ.

Ads by Ooredoo
  1. ރަށު މީހާ

    ކޮންމެސް އެއްޗެކޭ ކިޔައިގެން ރޯދަމަހު ތަކެތީގެ އަގު ބޮޑުކުރާނެ ވާހަކަ ދޯ ބުނަން މިއުޅެނީ. ޜެޑްވޭވް އިން މިއަހަރު ރޯދަމަހު އެކީ ހިލޭ ކާބޯތަކެތި ބަހާލަން ކެރޭނެތަ. ޖީއެސްޓީ ވެސް މަދު ކޮށްލެވޭނެ ހަމގައިމުވެސް.