ބޮލީވުޑް މުނިފޫހިފިލުވުން

ކަރަންއާ ޖެހުނު މައްސަލައާ ގުޅިގެން ދޮގު ވާހަކަ ނުފެތުރުމަށް ކާރްތިކް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަންނަ އަހަރު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމުތަކުގެ މަސައްކަތް މިހާރު ކުރަމުން ދާއިރު، ގިނަ ބަޔަކު އެންމެ ހައިރާންވި އެއް ޚަބަރަކީ، ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ "ދޯސްތާނާ 2"އިން އެކްޓަރު ކާރްތިކް އާރްޔަން ވަކި ކުރި ޚަބަރެވެ.

Ads by Sosun Fihaara

ކާރްތިކަށް އެ ފިލްމުގެ ލީޑް ރޯލު ދިނުމުން އޭނާގެ ފޭނުން އިތުރުވިއެވެ. އަދި ފިލްމަށް ކުރެވުނު އިންތިޒާރު ވެސް އިތުރުވިއެވެ.

ނަމަވެސް ދަރްމާ ޕްރޮޑަކްޝަންސްއިން މިދިޔަ މަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ "ދޯސްތާނާ 2"އިން ކާރްތިކް މިހާރު ވަކި ކޮށްފައިވާ ކަމަށެވެ.

މިޚަބަރާ ގުޅިގެން ދަރްމާގެ ބާނީ އަދި މަޝްހޫރު ޕްރޮޑިއުސާ ކަރަން ޖޯހަރްއާއި ކާރްތިކްގެ ބަހެއް މީގެ ކުރިން ލިބިފައި ނެތް ނަމަވެސް، ފިލްމުން ކާރްތިކް ވަކި ކުރުމާ ގުޅޭ ގޮތުން ވަނީ އެކިއެކި ވާހަކަތައް ފެތުރިފައެވެ. އެގޮތުން ކާރްތިކް ވަކި ކުރީ އެކްޓްރެސް ޖާންވީ ކަޕޫރާ ޖެހުނު މައްސަލައަކަށް ފަހު، ޖާންވީ އެ ފިލްމުން ވަކިކުރަން ކާރްތިކް އެދުމުން ކަމަށް ވެސް ބުނެފައިވެއެވެ.

ނަމަވެސް އެހެން ރިޕޯޓެއްގައި ބުނެފައި  ވަނީ "ދޯސްތާނާ 2"އިން ކާރްތިކް ވަކި ކުރީ އޭނާ މަސައްކަތަށް ފަރުވާ ކުޑަ ކަމުން ކަމަށެވެ.

ފެތުރެމުން އަންނަ ތުހުމަތުތަކާ ގުޅިގެން ކާރްތިކް އިއްޔެ ބުނީ، ކަރަން ޖޯހަރްއާއި އޭނައާ ދެމެދު ޖެހުނު މައްސަލަތަކާ ގުޅޭ ގޮތުން ދޮގު ވާހަކަ ނުފެތުރުމަށާއި އެ ވާހަކަތަކުގެ ސަބަބުން އޭނާގެ އާއިލާއަށް ވެސް ފުން އަސަރު ކުރާ ކަމަށެވެ.

މީގެ އިތުރުން ކާރްތިކް ބުނީ، އޭނާއަކީ އަބަދުވެސް ބުރަ މަސައްކަތުން ކުރިއަރާނެ މީހެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!