އެމްއެންޑީއެފް މީހާ ރަހީނުކުރި މައްސަލައިގައި މީހަކު ހައްޔަރެއް ނުކުރޭ: ފުލުހުން

އެމްއެންޑީއެފް މީހަކު ރަހީނުކޮށް، އަނިޔާ ކުރި މައްސަލައިގައި މިހައިތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެ މައްސަލައަކީ މާލޭގައި މީހަކު ރަހީނުކޮށް، އަނިޔާކޮށް، ފައިސާއާއި ފޯނު ފޭރިފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުން މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގައި މަސައްކަތް ކުރާ އުމުރުން 37 އަހަރުގެ ޙަސަން ފަޙީމް ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރީގައި އޮންނަ ގޯޅިގަނޑަކުން ރޭ 11:30 ހާއިރު ހިނގައިފައި ދަނިކޮށް ކަމަށް މަޢުލޫމަތު ލިބެއެވެ.
އޭނާގެ ހަޑިގަނޑުގެ ފޮޓޯތައް މީސް މީޑިއާގައި އާންމުވެފައިވާ އިރު ގައިގައި އެއްޗަކުން ތަޅައިފައި ހުރިކަމުގެ ނިޝާންތައް ފެންނަން ހުއްޓެވެ.