އިސްލާމީ މުޖުތަމައުގައި މަދު ބަޔަކު ގެންގުޅޭ ހަރުކަށި ފިކުރަކީ އިސްލާމީ ތަރުބަވީ އަހުލާގު ދަންނަ އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ދަސްވެނިވުމުގެ ޖަލްސާގައި ހޮނިހިރު ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ އިސްލާމް ދީނުން ފެންނަން އޮތީ އިޖުތިމާއީ އަދާލަތާއި ހަމަހަމަކަމާއި މެދުމިނުގެ އެންމެ މަތިވެރި އުސޫލުތައް ކަމަށެވެ. އަދި ބައިބައިވުމާއި ވަކިވަކިވުމަކީ ދީން ބާރުއަޅާ ކަމެއް ނޫންކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިސްލާމީ އަހުލާގު ދައުވަތު ދެނީ އޯގާތެރިކަމާއި ލޯތްބާ އެކު އެކުވެރިވެ އެއްބައެއްގެ ގޮތުގައި އުޅުމަށް ކަމަށާއި އެ އަހުލާގަކީ ކީރިތި ގުރުއާނުން އުނގެނި ދަސްކުރެވޭނެ ކަމެއްކަމަށް ވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އިސްލާމް ޓީޗަރުން ވިދާޅުވާ ގޮތުން ކީރިތި ގުރުއާނުގެ އިލްމަކީ ވަރަށް ތަނަވަސް ދާއިރާއަކަށް ފެތުރިފައިވާ އެއްޗެއް. ނަމަވެސް އެ އިލްމުތަކުގެ ބޭނުން ހިފޭ ތަނެއް އަޅުގަނޑުމެންގެ ތެރެއަކުންނެއް ނުފެނޭ" ރައީސް ޞާލިހުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރައީސް ވަނީ ކީރިތި ގުރުއާން ހިތުދަސް ކުރުމާއި ގުރުއާނުގެ އިލްމު އުނގެނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އަލިއަޅުއްވައިލައްވައިފައެވެ. އެގޮތުން ތަޖުވީދު މަގުން ޤުރްއާން ކިޔަވަން ދަސްކޮށް، ޤުރްއާން ހިތުދަސްކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށާއި ރީތި ރާގުތަކަށް ޤުރްއާން ކިޔެވުމަކީ އޭގެ ސަބަބުން އަޑުއަހާ މީހުންގެ ހިތްތަކަށް ފިނިކަން ގެނެސްދޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ހަމައެއާ އެކު ކީރިތި ޤުރްއާނުން ހިފޭނެ ގިނަގުނަ ބޭނުންތައް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ކުރިއަށްގެންދަވަމުން، ކީރިތި ޤުރްއާނުން އިތުރު ބޭނުންތައް ހިފޭނީ ޢަމަލީ ދިރިއުޅުމުގައި ކީރިތި ޤުރްއާން ތަންފީޒުކުރަން ދަސްކޮށްގެން ކަމަށާއި ކީރިތި ޤުރްއާނުގެ އަޚްލާޤު އުނގެނި ދަސްކުރުމުން ކަމަށް ވެސް ވިދާޅުވިއެވެ.
"ގުރުއާން ކިޔަވައިދެއްވާ މުދައްރިސުންނާއި މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ކާބަފައިންގެ ޒަމާނުން ފެށިގެން މުޖުތަމައުގައި ވަރަށް މުހިންމު ދައުރެއް އަދާކުރަމުން އައި ބައެއް. ރަށު ފެންވަރުގައި ކަންކަން ރާވާ ހިންގާއިރު އެމީހުންގެ ލަފަޔާ އިރުޝާދު ހޯދާ. މުޅި މުޖުތަމައު އެމީހުންގެ ބަސް ގަބޫލުކުރޭ" ގުރުއާނުގެ އިލްމުވެރިންނަށް މުޖުތަމައުގައި ދީފައިވާ މުހިންމު ރޯލާ ގުޅޭ ގޮތުން ރައީސް ވިދާޅުވިއެވެ.
މުޖުތަމައުގެ ތެރޭގައި ހުރި މައްސަލަތަކަށް ކީރިތި ޤުރްއާނުގެ އަޚްލާޤުން ހައްލު ލިބެން އެބަހުރި ކަމަށް ވިދާޅުވެ ރައީސް ވަނީ ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ދަސްވެނިވި ދަރިވަރުން ކީރިތި ޤުރްއާނުގެ ޢިލްމު ފެތުރުމުގައި ދެމިތިއްބެވުމަށް އިލްތިމާސް ކުރައްވައިފައެވެ.