ޚަބަރު

ގަރާޖު ސިޓީ އުވައިލާން ނުފެންނަ ކަމަށް ނިންމައި، މައްސަލަ މަޖިލީހުން ބޭރުކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ދެން އިމޭޖްސް

ކާރާއި ޕިކަޕު ފަދަ އުޅަނދުތައް މާލޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނީ ގަރާޖަކާ އެކުގައި ކަމަށް ޝަރުތުކޮށްފައި އޮތް އޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނުން އުވައިލާން ހުށަހެޅި އިސްލާޙް މަޖިލީހުން ބޭރުކޮށްލައިފިއެވެ،

Ads by STELCO

މި އިސްލާޙް މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ އެވެ. ނަޝީދު ހުށަހެޅުއްވި އިސްލާޙް ވިދާޅުވީ، ގަރާޖު ކުލީގެ ގޮތުގައި ބޮޑެތި އަދަދުތަކުން ފައިސާ ނަގަމުންދާ ކަމަށާއި ބައެއް ގަރާޖުތަކުގެ ވެރިފަރާތްތަކުން ގަރާޖު ސިޓީގެ ނާޖާއިޒު ފައިދާ ނަގާ ކަމަށެވެ. އަދި މި އިސްލާޙް ހުށަހެޅުއްވިީ މިކަން ހުއްޓުވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

މި އިސްލާޙް ފާސް ކުރުމަށް މިއަދު މަޖިލީހުގައި ނެގި ވޯޓްގައި އިސްލާޙާ އެއްކޮޅަށް ވޯޓް ދީފައި ވަނީ އެންމެ މެންބަރެކެވެ. އަދި އިސްލާޙާ ދެކޮޅަށް 43 މެންބަރަކު ވޯޓް ދެއްވިއެވެ. އަދި ބިލު އަލުން އަނބުރާ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 40 މެންބަރުން ވޯޓް ދެއްވިއިރު، ފެންނަ ކަމަށް 4 މެންބަރަކު ވޯޓް ދެއްވިއެވެ. މިއާ އެކު މި ބިލު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.

މިދިޔަ އޭޕްރީލް މަހު ހުށަހެޅި އެ ބިލަށް މަޖިލީހުގައި ބަހުސްކުރުމަށް ފަހު ތަރިކަ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން ކުރީގެ މާލެ ސިޓީ ކައުންސިލާއި ކަމާ ބެހޭ އިދާރާތަކާއެކު މަޝްވަރާކުރުމަށް ފަހު ނިންމީ ގަރާޖު ސިޓީ އުވައިލާށެވެ. ނަމަވެސް އެ އިސްލާޙަށް ތާއީދު ނުކޮށް، ބިލު ވަނީ އަނބުރާ މަޖިލީހަށް ފޮނުވައިލައިފައެވެ.

ދެވަނަ ފަހަރަށް ކޮމިޓީއަށް ފޮނުވުމުން، ކޮމިޓީން ނިންމީ ޖަރާޖު ސިޓީ އުވައިލުމަކީ މާލެ އިތުރަށް ތޮއްޖެހޭނެ ކަމެއް ކަމަށެވެ. މިހެންކަމުން ކޮމިޓީން ވެސް މިކަމާ ދެކޮޅެވެ. ކޮމިޓީން ވަނީ މާލޭ މޭޔަރު ޑރ.މުހައްމަދު މުއިއްޒުއާ ވެސް މިމައްސަލައިގައި ބައްދަލު ކުރައްވައިފައެވެ. މޭޔަރު އޭރު ވިދާޅުވެފައި ވަނީ، މާލެއަށް އިތުރު ވެހިކަލްތައް އެތެރެކުރާއިރު އެ ބާއްވާނެ ޖާގައެއް ނެތި ދޫކޮށްލާ ކަމުގައިވާ ނަމަ އެކަމުން ނުކުންނާނީ ވަރަށް ނުރަނގަޅު ނަތީޖާއެއް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!