އޯޑިއޯތަކުގެ މައްސަލަ: އަނެއްކާ ވެސް އިދިކޮޅުން ފުލުހުންނާ ބައްދަލުކޮށްފި
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްއަށް ހުކުމް ކުރި ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ފަނޑިޔާރުންތަކެއް ވާހަކަ ދައްކާ ކަމަށް ބުނާ އޯޑިއޯތަކުގެ ތަހުގީގާ މެދު ހިތްހަމަނުޖެހޭތީ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ އިސް ބޭފުޅުން އަނެއްކާ ވެސް ފުލުހުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މިއީ މި މައްސަލައިގައި އިދިކޮޅު ކޯލިޝަންގެ އިސް ބޭފުޅުން ފުލުހުންނާ ބައްދަލު ކުރެއްވި ހަތަރު ވަނަ ފަހަރެވެ. އެ ބޭފުޅުންނާ މިއަދު ބައްދަލު ކުރެއްވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވި އެ ކޯލިޝަން ހިންގުމާ މިވަގުތު ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އޯޑިއޯތަކާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގުމަށް އެދިވަޑައިގެންފައިވާނެ ކަމަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އާ މަޝްވަރާ ކުރުމަށް ފަހު އެ މައްސަލާގައި ތަހުގީގެއް ކުރަން ޖެހޭ ނަމަ އެކަމެއް ކުރާނެ ކަމަށް ރިޔާޒު މައުލޫމާތު ދެއްވި ކަމަށެވެ.
"ދެން ރިޔާޒު ވިދާޅުވީ އޯޑިއޯ އެނެލިސިސް ހަދައިފައި ޖޭއެސްސީއަށް ފޮނުވައިފީމޭ. އިތުރު އެއްޗެއް ވިދާޅެއް ނުވޭ" އަދުރޭ ވިދާޅުވިއެވެ.
ރައީސް ޔާމީން ޖަލަަށް ލުމަށް ހުކުމްކުރެއްވި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް އެ ބޭފުޅުން ވިދާޅުވާ ކަމަށް ބުނާ ވާހަކަތަކެއް ލީކުވި އޯޑިއޯތަކުގައި ކްރިމިނަލް ކޯޓުގެ ގާޒީ އަލީ އާދަމްއާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު އަދި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ހިމެނޭ ކަމަށް ތުހުމަތު ކުރެވެއެވެ.