ޚަބަރު ސަރުކާރު

އެންމެންނަށް ބޫސްޓާ ޑޯޒް ދޭވަރަށް ރާއްޖޭގައި ވެކްސިނެއް ނެތް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

ހުރިހާ ރައްޔިތުންނަށް ކޮވިޑް-19 ވެކްސިންގެ ބޫސްޓާ ޑޯޒް ދޭ ވަރަށް ރާއްޖޭގައި މި ވަގުތު ވެކްސިން ނެތްކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީއިން) ބުނެފިއެވެ.

Ads by MWSC

އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީޤް މިފަދައިން ވިދާޅުވިއިރު، ރައީސް އިބްރާހިމް މުހައްމަދު ޞާލިހު އިއްޔެ ވަނީ ހުރިހާ ރައްޔިތުންނަށް ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒެއް ދޭނެކަން އިއުލާން ކުރައްވައިފައެވެ. ބޫސްޓާ ޑޯޒް ދެމުންދަނީ ފައިޒާ ވެކްސިނުންނެވެ.

މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވިދާޅުވީ ރާއްޖޭގައި ހުރީ ފައިޒާ ވެކްސިންގެ 11،710 ޑޯޒް ކަމަށެވެ. އެ ވެކްސިނަކީ މިހާރު ދެމުން ގެންދާ 50 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ހައިރިސްކު ކެޓެގަރީތަކުގެ މީހުންނަށް ދިނުމަށް ބޭނުންކުރާނެ ވެކްސިންކަމަށް ނަޒްލާ ވިދާޅުވިއެވެ.

ތިންވަނަ ޑޯޒް ދެނީ ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކުރިތާ 6 މަސްވެފައިވާ ފަރާތްތަކަށެވެ. އެގޮތުން ޝަރުތު ހަމަވާ ފަރާތްތަކަށް އެޕޮއިންޓްމެންޓު ހައްދައިގެން މާލެއާއި، އަތޮޅުތެރޭގެ ރަށްތަކުގައި ވެސް ބޫސްޓާ ޑޯޒް އަންނަނީ ދެމުންނެވެ.

އާންމުކޮށް ބޫސްޓާ ޑޯޒް ދޭނެކަން ރައީސް އިއުލާން ކުރެއްވުމާ ގުޅިގެން ވެކްސިން ހުރިތޯ ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކު އަޒީޒާ ސުވާލު ކުރުމުން ވިދާޅުވީ ވެކްސިން ނެތް ނަމަ ރައީސް އެކަން އިއުލާން ނުކުރައްވާނެ ކަމަށެވެ.

ޑރ. ނަޒްލާ މިއަދު ވިދާޅުވީ ފައިޒާ ވެކްސިންގެ އިތުރު އެއްލައްކަ ޑޯޒް އަންނަ ޑިސެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ލިބޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!