ދުނިޔެ

މިއީ ވޭރިއަންޓް ދެނެގަތުމުން ދިން އަނިޔާއެއް: ދެކުނު އެފްރިކާގެ ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 އައު ވޭރިއަންޓް، އޮމިކްރޮންއާ ގުޅިގެން ދުނިޔޭގެ ގިނަ ޤައުމުތަކުން ދެކުނު އެފްރިކާއާއި އެފްރިކާގެ ގިނަ ޤައުމުތަކުން އެތެރެވުން މަނާކުރި ކުރުމަކީ، އެ ޤައުމުން އައު ވޭރިއަންޓް ދެނެގަތުމުން ދިން އަނިޔާއެއްތޯ ދެކުނު އެފްރިކާގެ ރައީސް ސައިރިލް ރާމަފޯސާ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިއްޔެ ދެކުނު އެފްރިކާގެ ދައުލަތު މީޑިއާއިން ގެނެސްދިން ބަސްދީގަތުމެއްގައި އޭނާ ވިދާޅުވީ، އެޤައުމު ދުނިޔެއިން އެކަހެރި ކޮށްލުމަކީ ވަރަށް ބޭއިންސާފުން ކުރި ކަމެއް ކަމަށާއި އެ އަމަލުގެ ސަބަބުން "ވަރަށް ބޮޑަށް މާޔޫސްވެފައިވާ" ކަމަށެވެ. އަދި ވީހައި ވެސް އަވަހަކަށް ދަތުރުފަތުރު ހުޅުވައިލާން ރައީސް ރާމަފޯސާ ގޮވައިލެއްވިއެވެ.

އެފްރިކާއިން ފްލައިޓްތައް ކެންސަލް ކުރި ޤައުމުތަކުގެ ތެރޭގައި، އެމެރިކާ، އިނގިރޭސިވިލާތް ފަދަ ބޮޑެތި ޤައުމުތައް ހިމެނެއެވެ. ރާއްޖެއިން ވަނީ އެފްރިކާގެ ހަތް ޤައުމަކުން ރާއްޖެއަށް ފަތުރުވެރިން ނާދެވޭ ގޮތަށް ބޯޑުރު ބަންދުކޮށްފައެވެ.

އޮމިކްރޮން "ކަންބޮޑުވާ ވޭރިއަންޓް"އެއްގެ ދަރަޖަ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ވަނީ ދީފައެވެ. މިހާރު ހޯދިފައިވާ ޑޭޓާތަކަށް ބަލާއިރު، މި ވޭރިއަންޓްގެ ސަބަބުން އަލުން ބަލި ޖެހުމުގެ ފުރުސަތު ބޮޑެވެ.

މި ވޭރިއަންޓް ސައުތު އެފްރިކާއިން ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި ވޭރިއަންޓަކީ ދެކުނު އެފްރިކާގެ އެންމެ އާބާދީ ބޮޑު ޕްރޮވިންސް ކަމަށްވާ ގައުޓެންގް އިން މިދިޔަ ދެ ހަފުތާގެ ތެރޭގައި ފެނުނު ގިނަ އިންފެކްޝަންތަކުގެ ޒިންމާ އުފުލަން ޖެހޭ ވޭރިއަންޓެއް ކަމަށް އެ ޤައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރެއެވެ.

ޑަބްލިއުއެޗްއޯގެ އެފްރިކާ ޑައިރެކްޓާ މަޓްޝިޑިސޯ މޮއެޓީ ވެސް ވަނީ އެފްރިކާ ބައްރަށް އަމާޒުކޮށް ދަތުރުފަތުރުތައް މަނާ ކުރާތީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. މިގޮތުން އާދީއްތަ ދުވަހު އޭނާ ވިދާޅުވީ "ދުނިޔޭގެ އެކި ސަރަހައްދުތަކުން މިހާރު އޮމިކްރޮން ވޭރިއަންޓް ފެނިވައިވާއިރު، އެފްރިކާ ބައްރަށް އަމާޒުކޮށް ދުނިޔޭގެ ގިނަ ޤައުމުތަކުން ޓްރެވަލް ބޭންތަކެއް ތަންފީޒްކޮށްފައިވުމަކީ، އެއްބައިވަންތަކަށް ބުރޫ އަރާފާނެ ކަމެއް" ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!