ޓެލެކޮމް ގަވާއިދުތަކުގެ މަސައްކަތް ކުރިއަށް އެބަދޭ: ރައީސް ނަޝީދު
ޓެލެކޮމިއުނިކޭޝަނާ ގުޅޭ ގާނޫނުތަކުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވައިލުމުގެ މަސައްކަތް ކުރިއަށްދާކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީއިން، ޤާނޫނުތަކަށް ބެލުމެއް ނެތި، ޓެލެކޮމް އޮޕަރޭޓަރުންގެ މަންފާއަށް ފަހިވާގޮތަށް ކަންތައްކޮށް، ރައްޔިތުންނަށް ގެއްލުންވާގޮތަށް ކަންތައްތައް ތަރުތީބުކޮށްފައި ވާތީ، އެ ކަންކަން ނިމުމަކަށް ގެނައުމަށް ގޮވައިލާ ހުށައެޅި ގަރާރު ދިރާސާކޮށް މަޖިލީހުގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ފާހަގަކޮށްފައިވާ ބައެއް ކަންތައްތަކާ ގުޅިގެންނެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން އެކުލަވައިލި ރިޕޯޓުގައި ޓެލެކޮމިއުނިކޭޝަންއާ ގުޅޭ ތިން ގާނޫނެއްގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ހަދައިފައި ނުވާކަން ފާހަގަކޮށްފައިވެއެވެ.
"ކޮމިޓީ ރިޕޯޓުގައި ފާހަގަކުރައްވައިފައިވާ ތިން ގާނޫނެއްގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެ މިނިސްޓްރީގައި އޭރު ނުހެދިފައި އޮތްކަން. އެހެން ނަމަވެސް އަޅުގަނޑަށް މިހާރު މައުލޫމާތު ލިބޭ ގޮތުގައި އެކަންކަން ދަނީ ފުރިހަމަވަމުން." ރައީސް ނަޝީދު ވިދާޅުވިއެވެ.
ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގެ ނިންމުންތައް:
▪︎ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ ގާނޫނާއި ދިވެހިރާއްޖޭގެ ޓެލެކޮމިއުނިކޭޝަންގެ ގާނޫނަށް އަމަލުކުރަމުން ގެންދާ މިންވަރު ކަށަވަރުކޮށް، އެ ގާނޫނުތަކާ ޚިލާފުވާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅުއެޅުމަށް
▪︎ ޓެލެކޮމިއުނިކޭޝަންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަގުތަކާއި ޚިދުމަތުގެ ފެންވަރު ކޮންޓްރޯލްކޮށް ބެލެހެއްޓުމަށް
▪︎ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއަށް ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން، އިންޑަސްޓްރީ ރެގިއުލޭޓްކުރުމަށް
▪︎ ރާއްޖޭގައި ޒަމާނީ ފެންވަރެއްގެ ޓެލެކޮމިއުނިކޭޝަން އިންފްރާސްޓްރަކްޗަރއެއް ގާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދިއުމަށް
▪︎ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ޙައްގުތަކާއި ޓެލެކޮމް އޮޕަރޭޓަރުން ޢަމަލުކުރަންޖެހޭ މިންގަނޑުތައް، އަދި އޮޕަރޭޓަރުންގެ ޗެކް އެންޑް ބެލެންސް ފަދަ ކަންކަން ބެލޭނެ ފަދަ ގޮތްތައް ގޮތްތައް އިންތިޒާމުކުރުމަށް.