ޚަބަރު

ޖެންޑާގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖެންޑާ މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލްސާވިސްގެ 21 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފިއެވެ.

Ads by MWSC

"ދެން"އަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރ ރިޒްނާ ޒަރީރު ވިދާޅުވީ، ވަޒީފާއިން ވަކިކޮށްފައި ވަނީ ވިލިމާލޭ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އަދި ވިދާޅުވީ، އެ މުވައްޒަފުން މަދުކުރަން ނިންމީ ހިޔާގައި ތިބި ކުދިން އަތޮޅު ތެރޭގައި ގާއިމުކޮށްފައިވާ އަމާން ވެއްޓަށް ބަދަލު ކުރުމުން، ހިޔާގައި ކުދިން ބަލަހައްޓަން ގިނަ މުވައްޒިފުން ބޭނުން ނުވާތީ ކަމަށެވެ.

ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އަމާން ވެށީ ނަމުގައި ކުޑަކުދިން ބަލަހައްޓާ ތަންތަން ވަނީ ޤާއިމްކޮށްފައެވެ. އަދި އެ ތަންތަނަށް ކުދިން މިހާރު ވަނީ ބަދަލުކޮށްފައެވެ.

ރިޒްނާ އިތުރަށް ވިދާޅުވީ، މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި މިނިސްޓްރީން ހިޔާގައި ތިބި މުވައްޒިފުންނާ ބައްދަލުކޮށް ކުރިޔަށް ދާނެ ގޮތަކާމެދު މަޝްވަރާ ކުރެވުނު ކަމަށެވެ. މިގޮތުން ހިޔާގައި ތިބި 71 މުވައްޒިފުންގެ ތެރެއިން 43 މުވައްޒިފުން މިނިސްޓްރީގެ އެކިއެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަމަށާއި 7 މުވައްޒިފަކު ވަނީ އަމިއްލައަށް ވަކިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"މިނިސްޓްރީގެ އެކިއެކި ދިމަދިމާލުގައި ހުރި ވަޒީފާތަކުގައި މަސައްކަތް ކުރަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވައިލެވިފައި ވަނީ. ހުޅުވައިލިއިރުގައި ތިން މުވައްޒިފަކު ޝައުޤުވެރިކަން ފާޅުކުރި އަތޮޅު ތެރޭގެ ރަށްތަކުގައި މަސައްކަތް ކުރަން" ރިޒްނާ ވިދާޅުވީ އެ ވަގުތު ކޮވިޑް-19 ހާލަތު ހުރި ގޮތުން އެ ފަރާތްތަކަށް ބަދަލު ނުކުރެވި ދިޔަކަމަށެވެ.

ރިޒްނާ ވިދާޅުވީ، ވަޒީފާއިން ވަކި ކުރަން ނިންމި 21 މުވައްޒިފުންނަކީ ސިވިލް ސާވިސްއިން ބަލަން ޖެހޭ ބެލުންތައް ބެލުމަށް ސިވިލްސާވިސް އިން ވަޒީފާއިން ވަކި ކުރަން ޖެހޭ ކަމަށް ނިންމި ބޭފުޅުން ކަމަށެވެ.

ވަޒީފާއިން ވަކިކުރި މުވައްޒިފަކު "ދެން"އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ވަޒީފާއިން ވަކި ކުރުމުގެ ކުރިން، އިތުރު މުއަައްސަސަތަކާ ވާހަކަ ދައްކައިގެން އެ މުވައްޒިފުންނަށް ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެހެން ނަމަވެސް އެކަން މިނިސްޓްރީން ނުކޮށްދިން ކަމަށެވެ.

"ކުރިން އޮތް ގޮތަކީ އެހެން މުއައްސަސާތަކާ ވާހަކަ ދައްކައިގެން ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް، އެކަމަކު ޖެންޑާއިން އެކަން ހަމަޖައްސައެއް ނުދިން" މައުލޫމާތު ދެމުން އޭނާ ބުންޏެވެ.

މިކަމާ ގުޅިގެން ސުވާލު ކުރުމުން ރިޒްނާ ވިދާޅުވީ، ވަޒީފާއިން ވަކިކުރުމާ ގުޅޭ ގޮތުން ގޮތް ނިންމީ މިނިސްޓްރީން ނޫން ކަމަށާއި އެއީ ސިވިލް ސާވިސްގެ ނިންމުމެއް ކަމަށެވެ. އަދި މިނިސްޓްރީ އެ މުވައްޒިފުންނާ ބައްދަލުކޮށް، ވަޒީފާއިން ވަކިވާނެ ކަމަށާއި ސަބަބުތައް ޑިސެންބަރުން ފެށިގެން ސާފުކޮށްދެމުން އައިކަމަށް ރިޒްނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!