ދުނިޔެ

ޖަރުމަނުގައި ވެކްސިން ނުޖަހާ މީހުން 'ލޮކްޑައުން'އަކަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 އައު ވޭރިންޓާ އެކު ބަލީގެ އިތުރު ރާޅެއް އަޔަނުދިނުމަށް ޓަކައި ޖަރުމަނުގައި ވެކްސިން ނުޖަހާ މީހުންނަށް އާއްމު ޚިދުމަތްތައް ނުދީ، މުޖުތަމައުން އެކަހެރި ކުރަން އެ ގައުމުން ނިންމައިފިއެވެ.

Ads by WAMCO

ޖަރުމުނުގެ މި ނިންމުމާ އެކު، ރެސްޓޯރަންޓްތަކާއި ސިނަމާތަކާއި ހޮޓަލްތަކާއި ގިނަ ފިހާރަތަކަށް ވަދެވޭނީ ވެކްސިން ޖެހި ނުވަތަ މިދިޔަ ތިން މަސް ތެރޭ ބަލި ޖެހި، ބަލިން ރަނގަޅުވެފައިވާ މީހުންނަށެވެ. އަދި ވެކްސިން ނުޖަހާ މީހުންނަށް ކޮންމެ ދުވަހަކު ވެސް ގިނަވެގެން ބައްދަލު ކުރެވޭނީ ދެ މީހަކަށެވެ.

ޖަރުމަނުގެ މަޤާމުން ވަކިވާ ޗާންސެލަރ އެންޖެލާ މާކެލް ވަނީ މިއީ ދުރު ރާސްތާ ފިޔަވަޅުތަކެއް ކަމަށާއި އަދި މިއީ "ގައުމީ އެއްބައިވަންތަކަމުގެ" އަމަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މިއަންނަ އަހަރު ފެބްރުއަރީ މަހުގައި އެ ޤައުމުގެ އެންމެން ކޮވިޑް-19 ވެކްސިން ޖަހަން މަޖުބޫރު ކުރާނެކަމަށް ވެސް އެ ކަމަނާ ވިދާޅުވިއެވެ.

ޖަރުމަނުގައި މިހާރު ވެސް ކޮވިޑް-19 ދަނީ ވަރަށް ބާރު ސްޕީޑެއްގައި ފެތުރެމުންނެވެ. މިގޮތުން ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އިތުރު 388 މީހުން ވަނީ ބަލި ޖެހިގެން މަރުވެފައެވެ.

އަންނަ ބުދަ ދުވަހު ޗާންސެލަރކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާ އޯލާފް ޝޮލްޒް ވަނީ އެ ފިޔަވަޅަށް ތާއީދު ކުރައްވާ ކަމަށާއި މިއީ އެ ޤައުމަށް ބޭނުންތެރި ފިޔަވަޅެއްކަމަށް ވިދާޅުވެފައެވެ.

އެ ޤައުމުގެ ވެރިރަށް ބާލިންގެ މޭޔަރު މައިކަލް މުލަރ ވިދާޅުވީ، ކޮވިޑް-19އަށް ފައްސިވާ މީހުންގެ ބޮޑު ބަޔަކީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށެވެ. މިހެންކަމުން ވެކްސިން މަޖުބޫރު ކުރުމަށް މޭޔަރު ވެސް ބޭނުންވެ ވަޑައިގަންނަވައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!