Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނުދިން

ރައީސް ޔާމީންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނުދިން

ކުރީގެ ރައީސް , ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރެއް ނެރެދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލައިފައިވާ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ހެނދުނު 9 ޖެހި އިރު ވަނީ ބާއްވައިފައެވެ. އެ މައްސަލައިގައި ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓި އަމުރުގެ މުއްދަތު ހަމަވާތީ ޝަރީއަތް ނިމެންދެން އެ މަނިކުފާނުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެދިފައެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނެފައި ވަނީ، ރައީސް ޔާމީންގެ ޕާސްޕޯޓް ހިފަހައްޓަން އެދިފައި ވަނީ ކުރީގެ ރައީސްކަން ކުރައްވައިފައިވާ ބޭފުޅެއް ކަމަށްވާތީ ފިއްލަވައިގެން ވަޑައިގެންފި ނަމަ އަނބުރާ ގެންނަން އުނދަގޫވާނެތީ ކަމަށެވެ.

Advertisement
Ooredoo — Square (box)

މިކަމާއި ގުޅިގެން މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު ފިއްލަވަން ނޫޅުއްވާ ކަމަށާއި ފުލުހުންނަށް އެމަނިކުފާނު ފިއްލަވައިގެން ވަޑައިގަންނަވަން އުޅޭކަމުގެ ހެކިތަކެއް ހުރި ނަމަ އެ ހެކިތައް ދިރާސާ ކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ މިއަދު ހަވީރު 4:00 ޖަހާއިރު މި މައްސަލައާ ގުޅޭ ގޮތުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

އެއާއެކު މިއަދު ހަވީރު 4:30 ވަނިކޮށް ފެށި އަޑުއެހުމުގައި މައްސަލަ ބައްލަވާ އިސް ގާޒީ އަހްމަދު ޝަކީލް ވިދާޅުވީ ޕާސްޕޯޓް ހިފެހެއްޓުމަށް ބޭނުންވާ ވަރަށް މަދަނީ މިންގަނޑުން ހެކި ގަރީނާ ލިބިފައިވީ ނަމަވެސް ރައީސް ޔާމީން ފިއްލަވައިގެން ވަޑައިގެންފާނެކަން ސާފުވާނެ އެއްވެސް ސަބަބެއް ދައުލަތުން ހުށަހަޅައިފައި ނުވާ ކަމަށެވެ.

ގާޒީ ޝަކީލް ވިދާޅުވީ ހިފަހައްޓައިދިނުމަށް އެދިފައިވާ ޕާސްޕޯޓުތަކަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓްތަކެއް ކަމަށާއި ވުޖޫދުގައި ނެތް އެއްޗެއް ޝަރީއަތުން ނުވަތަ ކޯޓަށް ހިފެހެއްޓޭނެ އެއްވެސް ގާނޫނީ ހުއްޖަތެއް ބަޔާންކޮށްފައި ނެތް ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް