2018ގެ އިންތިޚާބު އޮޅުވައިލި މައްސަލައިގެ ތަހުގީގު ރިޕޯޓު ލީކުވެއްޖެ

2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ކުރި ތަހުގީގަށް ފަހު އެކުލަވައިލި ރިޕޯޓު ލީކުވެއްޖެއެވެ.
54 ނުކުތާއެއްގެ މައްޗަށް އެކުލެވޭ މި ރިޕޯޓު "ދެން" އަށްވެސް ވަނީ ލިބިފައެވެ. މިރިޕޯޓާއިއެކު އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމުގައި އޭރު ހުންނެވި އަހުމަދު ޝަރީފު (ރަންގޮނޑި) ދެއްވި ބަޔާންވެސް ވަނީ ލީކުވެފައެވެ.
ފުލުހުންގެ ތައްގަނޑު ޖަހާފައިވާ އެ ރިޕޯޓުގައި ވަނީ އިންތިހާބު އޮޅުވާލާފައިވާކަން ދޭހަވާ ގިނަ ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ވޯޓު ފޮށިދޮށަށް ދިޔަ އީސީގެ އޮފިޝަލުން އައިޕެޑުތައް އަތުލައި އޮބްޒާވަރުންނަށް ބިރު ދައްކާފައިވާކަމަށާއި ވޯޓު ފޮށިތަކަށް ވޯޓު ލީ މީހުންގެ އަދަދާއި ވޯޓު ކަރުދާސްތައްވެސް އިތުރުވެފައިވާކަން ތަހުގީގަށް ވަނީ އެނގިފައެވެ. އަދި މަންދޫބުން ސޮއިކުރަންޖެހޭ ޝީޓުގައި ސޮއި ނުކުރުވައި ވޯޓު ފޮށިތައް ބަންދުކުރުމާއި ވޯޓު ފޮށީގެ ވެރިޔާގެ އެހީތެރިކަމާއިއެކު އެކަކުލައްވައި ދެފަހަރަށްވެސް ވޯޓު ލާފައިވާކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފައެވެ.
ވޯޓު ފޮށިތަކުގެ ވެރިންގެ ގޮތުގައި އީސީން ހަމަޖައްސާފައިވާ ބައެއް ފަރާތްތައް މަސްތުގެ ހާލަތުގައި ތިބިކަންވެސް ތަހުގީގު ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެނޑިޑެންސީ ނަމްބަރު ކައިރީގައި ފާހަގަޖެހި ބައެއް ވޯޓު ކަރުދާސްތައް ބާތިލު ވޯޓުގެ ގޮތުގައި ގުނައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކެނޑިޑޭންސީ ނަމްބަރު ކައިރީގައި އިން ގޮޅިން ބޭރުގައި ފާހަގަ ޖަހާފައިވާ ކަރުދާސްކޮޅުތައްވެސް ސައްހަ ވޯޓުގެ ގޮތުގައި ގުނާފައިވާކަމަށް ތަހުގީގުގައި ވަނީ ބުނެފައެވެ.
މީގެ އިތުރުން އެންމެންނަށް ފެންނަ ގޮތަށް ބަހައްޓާފައި ހުންނަ ވޯޓުލާ ބޫތުތައް މީހުންނަށް ނުފެންނާނެހެން އެހެން ތަންތަނަށް ބަދަލުކުރިކަމަށާއި ބައެއް ވޯޓު ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗާވެސް ނެތްކަން ފާހަގަވިކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. އަދި ވޯޓު ގުނުމަށް ވަކި ބަޔަކު ނަގާފައިވާކަމަށާއި ވޯޓު ގުނުމުގެ އުސޫލަށްވެސް ބަދަލުތަކެއް ގެނަސްފައިވާކަން ތަހުގީގަށް ފާހަގަކުރެވުނުކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
އީސީގެ އޭރުގެ ރައީސް ޝަރީފް ވޯޓު ލުމުގެ ކުރިން ބަޔަކު މީހުންނާއި ބައްދަލުކޮށް ވޯޓު އޮޅުވާލުމަށްޓަކައި ކުރާނެ ކަންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށާއި ވޯޓު ފޮށި ކައިރީގައި ތިބި އޮބްޒާވަރުންނަށް އީސީގެ އޮފިސަރުން އިންޒާރުދީ ބިރުދައްކާފައިވާ ކަމަށްވެސް ރިޕޯޓްގައި ވަނީ ބުނެފައެވެ. ފުލުހުން އެކުލަވާލި ރިޕޯޓަކީ ފުލުހުންގެ ތަހުގީގަށް އެކި އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކުން ފާހަގަ ކުރެވޭ ކަންތައްތަކުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. ލީކުވެފައިވާ ރިޕޯޓުގެ ސައްހަކަން ފުލުހުން މިހާތަނަށް ކަށަވަރެއް ނުކޮށްދެއެވެ. އަދި މި ރިޕޯޓާއި ގުޅޭގޮތުން އީސީގެ އޭރުގެ ރައީސް ޝަރީފުވެސް ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.






ކޮމެންޓް