އިންތިހާބު އޮޅުވައިލިކަމަށް ބުނާ މައްސަލަ އަލުން ބެލުމަށް ގޮވައިލައިފި
އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބު ވަނީ އޮޅުވައިލައި، ވަގަށް ނަގައިފައި ކަމަށް ތުހުމަތުކޮށް، އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް ކަމާ ބެހޭ މުއައްސަސާތަކަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވައިލައިފިއެވެ.
ނިމިގެންދިޔަ 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ވަނީ އޮޅުވައިލައިފައި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ވަނީ މީގެ ކުރިން ސުޕްރީމް ކޯޓަށް ވެސް މައްސަލަ ހުށަހަޅައިފައެވެ. ނަމަވެސް ކޯޓުން އޭރު ނިންމީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނަވަރުގެ މައްސަލަތަކެއް އިންތިހާބުގެ ތެރޭގައި ފާހަގަކުރެވިފައި ނުވާ ކަމަށެވެ.
އެ އިންތިހާބު ވަނީ އޮޅުވައިލައިފައި ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން އަލުން އެ ވާހަކަތައް ދައްކަން ފަށާފައި މިވަނީ، އިންތިހާބު އޮޅުވައިލައި ވަގަށް ނަގައިފައިވާކަން އެނގޭ ފަދަ އެތައް ކަމެއް ހިމެނޭ ގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓެއް އިއްޔެގެ ވަގުތެއްގައި އާންމުވެގެން ދިއުމާ ގުޅިގެންނެވެ. އެ ރިޕޯޓާ ގުޅިގެން މިހައިތަނަށް ކަމާ ސަރުކާރުގެ އެއްވެސް އިދާރާއަކުން ބަހެއް ބުނެފައެއް ނުވެއެވެ.
އިއްޔެ ލީކުވި އެ ރިޕޯޓާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ބަޔާނެއްްގައި ބުނެފައި ވަނީ ރިޕޯޓުގައި ދިވެހި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
އެގޮތުން ރިޔާސީ އިންތިހާބުގައި ކަންހިނގައިފައިވާ ގޮތްތަކާ ގުޅިގެން ފުލުހުން ތައްޔާރުކޮށްފައިވާ ކަމަށް ބުނާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ނުކުތާތަކުން 2018ވަނަ އަހަރުގެ އިންތިހާބުގައި ވޯޓު ނަގަމުން ދިޔަ އިރާއި، ވޯޓު ނަގައި ނިމި ނަތީޖާތައް ހަދަމުން ދިޔަ އިރު، އިންތިހާއަށް ނުފޫޒު ފޯރުވާފައިވާކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުނެފައިވެއެވެ.
މީގެ އިތުރުން އެ އިންތިހާބަށް އޮފިޝަލުން ނަގައިފައި ވަނީ ވެސް ވަކި ބަޔަކަށް ނާޖާއިޒު ފައިދާ ލިބޭ ގޮތަށް ކަމަށާއި، އިންތިހާބުގެ މަސައްކަތަކުގެ ތެރޭގައި އިންތިހާބު އޮޅުވައިލުމުގެ އެތައް އަމަލެއް ހިނގާފައިވާ ކަން ހާމަވާ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ބޭރުގެ ފަރާތްތަކަކާ ގުޅިގެން މިހާރު ވެރިކަމުގައި ތިބި ކޯލިޝަނުން 2018ގެ ރިޔާސީ އިންތިހާބު ވަގަށް ނަގައިފައިވާކަން ޕީޕީއެމުން ކުރިން ވެސް ހާމަކޮށްފައިވާނެ ކަމަށެވެ.
ކޮންމެމީހަކުވެސްކުށެއްކޮއްފިނަމައެކަމުގެޖަޒާލިބޭދުވަސްޢޮތީ
ވަރށްކައިރީގަ