ކައިވެންޏަށް ހަތަރު އަހަރު ފުރުން ވިރާޓްއާއި އަނުޝްކާ ފާހަގަ ކުރީ ބޮޑު ކެއުމަކުން

ބޮލީވުޑްގެ މަޝްހޫރު ތަރިންގެ ތެރެއިން ގިނަ ބަޔަކު އެންމެ ބޮޑަށް އުފާވި އެއް ކައިވެންޏަކީ އެކްޓްރެސް އަނުޝްކާ ޝަރްމާއާއި އިންޑިއާގެ ކްރިކެޓް ޓީމުގެ ކެޕްޓަން ވިރާޓް ކޯލީގެ ކައިވެންޏެވެ.
އަނުޝްކާއާއި ވިރާޓް ކައިވެނި ކުރީ 2017ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުގައެވެ. ދާދި ފަހުން އެ ކައިވެންޏަށް ހަތަރު ފުރިފައިވާ އިރު، މި ދެ ފަންނާނުން ވަނީ އެދުވަސް ވަރަށް ހާއްސަ ގޮތަކަށް ފާހަގަ ކޮށްފައެވެ.
މަޝްހޫރު އެހެން މީހުންނާ ހިލާފަށް ވިރާޓްއާއި އަނުޝްކާ އަބަދުވެސް ފާހަގަ ވެފައިވަނީ، ހާއްސަ ދުވަސްތަކުގައި ވެސް ބޮޑެތި ހަފްލާތައް ނުބާއްވައި އެ ދުވަސްތައް ފާހަގަ ކުރާ ބައެއްގެ ގޮތުގައެވެ.

އެގޮތުން އެ ދެމީހުންގެ ކައިވެންޏަށް ހަތަރު އަހަރު ފުރުން ވެސް އެމީހުން ފާހަގަ ކޮށްފައި ވަނީ އެފަދަ އާދައިގެ، އެހެން ނަމަވެސް އުފާވެރި ގޮތަކަށެވެ. އެ ހާއްސަ ދުވަސް އެމީހުން ފާހަގަކޮށްފައި ވަނީ އެދެމީހުން އެކަނި، ގޭގައި ބޭއްވި ބޮޑު ކެއުމަކުންނެވެ. އަނުޝްކާ ވަނީ ކާމޭޒުމަތީގެ ފޮޓޯއެއް އޭނަގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފައެވެ.