ކުރީގެ ރައީސް ،ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖަލަށް ލައިފައި ތިބި ސިޔާސީ ބޭފުޅުން މިނިވަންކުރަން އޭރު ސަރުކާރަށް ޕްރެޝަރު ކުރިކަން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން މަބުރޫކު އަޒީޒު ކަށަވަރުކޮށްދެއްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުން މަބުރޫކު ވިދާޅުވީ އިދިކޮޅުން އިންޑިއާއާ މެދު ތަނަވަސްކަން އުފައްދަނީ ކުރީ ސަރުކާރުގައި އިންސާނީ ހައްގުތަކާ ގުޅިގެން ހެދިފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ހިލާފަށް ބައެއް ކަންކަން ކޮށް، ހާއްސަކޮށް ސިޔާސީ ބޭފުޅުން ޖަލަށްލުން ފަދަ ކަންކަމުގައި އެ ނޫން ގޮތަކަށް ކަން ކުރުމަށް އޭރު ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔުމުން ކަމަށެވެ. މަބުރޫކު ވިދާޅުވީ މިސަބަބާހުރެ ކޮމަންވެލްތު ފަދަ ޖަމާއަތްތަކުން ރާއްޖެ ވަކިވެ ބައިނަލްއަގުވާމީ ދުނިޔެއާ ވަރަށް ބޮޑަށް އެކަހެރިވި ކަމަށެވެ.
އިދިކޮޅު ކޯލިޝަނުން މިދިޔަ ހުކުރު ދުވަހު ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު ،ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ 2018ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ ދަންވަރު ސުޕްރީމް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރަން އިންޑިއާއިން ތިން ފަހަރެއްގެ މަތިން ސިޓީ ފޮނުވައި ޕްރެޝަރު ކުރިކަމަށެވެ. އޭގެ ތެރެއިން ދެ ސިޓީއަކަށް ޖަވާބު ދެއްވިކަމަށާއި ތިންވަނަ ސިޓީއަށް ޖަވާބު ދެއްވަން ބޭނުންފުޅު ނުވީކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރޭ ވާހަކަދައްކަވަމުން މަބުރޫކު ވިދާޅުވީ އިންޑިއާއިން ޕްރެޝަރު ކުރުމުން އެއީ ދާޚިލީ ކަމެއްކަމަށް ސަރުކާރުން އޭރު ބުނި ކަމަށެވެ. އިންޑިއާއާ އެކު ޒަމާނުއްސުރެ އޮތް ގުޅުމަށް އެއްވެސް އިރެއްގައި ބަދަލު އައިސްފައި ނުވާ ކަމަށާއި އިދިކޮޅުން ހިންގާ އިންޑިއާ އައުޓް ކެމްޕެއިންގެ އިތުރު ބޭނުމެއް ވެސް ވިސްނިވަޑައިނުގަންނަވާކަމަށް މަބުރޫކު ވިދާޅުވިއެވެ.
"އެހެންވީމަ މާ ބޮޑެތި ބަދަލުތަކެއް އައިސްގެންނެއް ނޫޅޭ ހިނގަމުން މިއައި ކަންތަކުގަ. ހިނގަމުންދިޔަ ކަންތައްތަކުގެ ތެރޭ އޭރު ވެސް ކުރަމުން އައި ކަންތައްތައް އިތުރަށް ކުރެވެމުން ދަނީ" މަބުރޫކު ވިދާޅުވިއެވެ.
މަބުރޫކު ވިދާޅުވީ މިފަހުން އުތުރުތިލަފަޅު އެއްބަސްވުމުގެ ވާހަކަ ދެކެވުނު ނަމަވެސް މަޖިލީހުގައި މެމްބަރުންނަށް އެއްބަސްވުން ހާމަކުރުމުން މިހާރު އެ ވާހަކައިގެ އަޑު މަޑުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޑީއެފްގެ ހުރިހާ ޖެނެރަލުން އިތުރުފުޅު ހައްދަވައިފާނެކަމަށް ދިވެހި ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށާއި އެހެންކަމުން މިހާރު އިދިކޮޅުން ދައްކާ ގިނަ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.
އިންޑިއާ އަސްކަރިއްޔާއާ އެކު ގާއިމްކުރާ ދިފާއީ އެއްބަސްވުންތަކަކީ 2016ވަނަ އަހަރު އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެކުލަވައިލި ޑިފެންސް ކޯޕަރޭޝަން އެކްޝަން ޕްލޭންއާ އެއްގޮތަކަށްކަމަށް މީގެ ކުރިން ވެސް ސަރުކާރުން ބުނާ ވާހަކަ މަބުރޫކު ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.
"ދެން ހަމަ ވަރަށް ގިނަ ވާހަކަތަކަކީ ހަގީގަތް ނޭނގި، ހަގީގަތް އޮޅުވައިލައިގެން ދައްކާ ،ގަސްތުގައި އޮޅުވާލުމަށް މަސައްކަތްކުރަން ކުރެވުނު ކަންތައްތައް. އަދި އެކަން ނޭނގި ދެކެވޭ ވާހަކަތައް" އިންޑިއާ އައުޓު ކެމްޕެއިނަށް ރައްދު ދެއްވަމުން މަބުރޫކު ވިދާޅުވިއެވެ.
މީގެ އިތުރުން މަބުރޫކު ވިދާޅުވީ ސަރުކާރުން ކުރާ ކަންކަމުގައި ދެފުށް ފެންނާނެހެން ކަން ކުރަން ބޭނުންވާ ކަމަށާއި އެހެން ނަމަވެސް ދެ ގައުމެއްގެ ދެމެދުގައި ގާއިމްކުރެވޭ ދިފާއީ އެއްބަސްވުންތަކުގައި ހާމަނުކުރުމަށް ނުގުތާއެއް އޮންނަ ހިނދެއްގައި އެފަދަ އެއްބަސްވުމެއްގެ ހާމަކުރެވޭނީ ވަކި މިންވަރެއްކަމަށެވެ. ޕީޕީއެމްއިން އިސްވެ އިންޑިއާ އައުޓް ކެމްޕެއިން ހިންގަމުންދަނީ ސިޔާސީ ބޭނުމަށްކަމަށް ވެސް މަބުރޫކު ވަނީ ވިދާޅުވެފައެވެ.