ޚަބަރު

"ރާއްޖެއަށް ކުރިއެރުން އެންމެ ބޮޑަށް ލިބޭނީ ސިޔާސަތު ކަނޑައެޅުމާއި ހިންގުމުގެ ދާއިރާގައި އަންހެނުން އިތުރު ކޮށްގެން"

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރުގެ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން ތަންފީޒުވެގެންދާއިރު، އަންހެނުން އިޤްތިޞާދީ ގޮތުން މިހާރަށް ވުރެ މާބޮޑަށް ބާރުވެރިކުރެވޭނެކަމަށް ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ވިމެން އިން މެނޭޖްމަންޓްގެ "ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑްސް 2021" ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާ އެކު ސަރުކާރުގެ 5 އަހަރުގެ ސްޓްރެޓީޖިކް އެކްޝަލް ޕްލޭނުގެ އެންމެ ބޮޑަށް އިސްކަން ދޭންޖެހޭ ކަންކަން ދެ އަހަރުގެ ތެރޭގައި ތަންފީޒުކުރުމަށް، ނޭޝަނަލް ރެސިލިއަންސް އެންޑް ރިކަވަރީގެ ނަމުގައި، ވަކި ލިސްޓެއް އެކުލަވާލެއްވިކަން ފާހަގަކުރެއްވިއެވެ. އަދި އެ ލިސްޓުގައި ކުރަން ކަނޑައަޅައިފައިވާ އެއްކަމަކީ، ދައުލަތް ހިންގުމުގެ އިސް ސަފުގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް އަމާޒުކޮށްފައިވާ ޕްލޭން ކަމުގައިވާ "ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭން" ތަންފީޒު ކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ޕްލޭންގެ މުހިންމު އެއް ބަޔަކީ ޤައުމީ ފެންވަރުގައި ހިންގާ ކޮންމެ ޙަރަކާތެއްގައި މިންތީގެ ހަމަހަމަކަން ކަށަވަރުކުރުންކަން ވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިންތީގެ ތަފާތުތައް ނައްތައިލައި، ސިޔާސީ އަދި އިޖްތިމާޢީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުޞަތު ހޯދައިދިނުމުގެ މަސައްކަތަކީ ސަރުކާރުން މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ މުހިންމު ވަޢުދެއްކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި 2021ވަނަ އަހަރުގެ ގްލޯބަލް ޖެންޑަރ ގެޕް އިންޑެކްސްގައި ފާހަގަކޮށްފައިވާ، ރާއްޖެ ހޯދާފައިވާ ބައެއް ކުރިއެރުންތަކުގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން ތަޢުލީމީ ދާއިރާ އަދި ޞިއްޙީ ދާއިރާގައި ހޯދައިފައިވާ ކުރިއެރުން ފާހަގަކުރައްވަމުން މިހާރު މިންތީގެ ތަފާތުތައް އެންމެ ބޮޑު ދާއިރާކަމުގައިވާ ސިޔާސީ އަދި އިޤްތިޞާދީ ދާއިރާގައި މިތަފާތުތައް ކުޑަކުރުމަށް، ވެސް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ވެސް ފިރިހެނުންނެކޭ އެއްފަދައިން އަންހެނުންގެ ވިސްނުންތަކާއި ހުށަހެޅުންތައް، ތަންފީޒީ މަރުޙަލާގެ މޭޒު ދޮށަށް ގެނައުންކަމުގައެވެ.

މި ރަސްމިއްޔާތުގައި، އެންމެ ޝަރަފުވެރި އެވޯޑްތައް ހާޞިލުކުރި ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ.

ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސްއަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ، ވިމެން އިން މެނޭޖްމަންޓުގެ ރާއްޖޭގެ ގޮތްޕެވެ. އެޖަމްޢިއްޔާއިން ދެމުން އަންނަ ޕްރޮފެޝަނަލް އެންޑް ކެރިއަރ ވިމެން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.

Ads by Ooredoo
  1. އިބްރާހިމް

    ރާއްޖެއަށް އެންމެ އަވަހަށް ކުރިއެރުން ލިބޭނެކަމަށް ލަފާކުރެވެނީ ތިޔަ ގޮނޑީގައި ކުރިން އިންނެވި ބޭފުޅާ ބައިންދައިގެން. ޙިކްމަތްތެރިއަކަށްނޫނީ ވެރިކަމެއް ނުކުރެވޭނެކަން އެނގި ސާބިތުވީ.