އަރަބި ތައުލީމު ފުޅާކުރީ މި ސަރުކާރުން: އަދާލަތު
ކުރީގެ އެއްވެސް ސަރުކާރެއްގައި އަރަބި ތައުލީމު ފުޅާކޮށްފައި ނުވާ މިންވަރަށް މި ސަރުކާރުން އެކަން ކޮށްފައިވާ ކަމަށް އަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.
ބައު ޖަމާލުއްދީން ހުންނަ ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތެއް އަޅަން އެ ބިން ހަމަޖައްސައިދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވައި އަދާލަތުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ މަތިވެރި ހިދާޔަތު ދަމަހައްޓައި ދިވެހި ރައްޔިތުންނަކީ އިސްލާމް ދީނުގެ މަތިވެރި ޢަޤީދާގެ މަތީގައި ސާބިތުވެގެން ތިބޭ ބަޔަކަށް ހެދުމަށް ޓަކައި، އެހެން ތަޢުލީމީ މަންހަޖުތަކާއި ފަލްސަފާތަކާ އެއްހަމައެއްގައި، ޒަމާނީ ފެންވަރުގެ ޢަރަބި އިސްލާމީ ތަޢުލީމު ދިވެހި ޅަދަރީންނާއި ހެދި ބޮޑުވަމުން އަންނަ ޒުވާނުންނަށް ލިބޭނެ މަގު ފަހިވެފައި އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެހެން ނަމަވެސް ޢަރަބި އިސްލާމީ ތަޢުލީމު އުނގެނެން ބޭނުންވާ އާއިލާތަކަށް އެފުރުސަތު ފަހިކޮށްދިނުމުގައި އެކި ފަހަރު އެކި ސަރުކާރުތަކުން އެކި ސިޔާސަތު ގެންގުޅުމާއި، އެކަށީގެންވާ އަހަންމިއްޔަތުކަން ނުދެވުމުގެ ސަބަބުން ޢަރަބި އިސްލާމީ ތަޢުލީމުގެ ފުރުސަތު ރާއްޖޭގައި ހީނަރުވި ހާލަތަށް އައިސްފައިވާ ކަމަށާއި ދިވެހިރާއްޖޭގައި ޢަރަބި އިސްލާމީ ތަޢުލީމު ދިނުމުގެ އެންމެ އިސް އެއް މުޢައްސަސާއަކީ އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ކަމަށެވެ.
އަދި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ ހިންގަމުން އައި އިމާރާތް ހަލާކުވެ، އިމާރާތުގެ ބޭނުން ނުހިފޭ ހާލަތަށް ދިޔުމަކީ އެ ޕާޓީއިން އިންތިހާއަށް ކަންބޮޑުވިކަމެއް ކަމަށާއި މަދަރުސާއަށް ދިމާވެފައިވާ ޙާލަތާއި ހުރި ކަންބޮޑުވުންތަކަށް އެކަށީގެންވާ ޢަދުލުވެރި ހައްލެއް ހޯދުމުގެ މަސައްކަތް ކުރެވި މިވަގުތު އެ މަދަރުސާގެ ދަރިވަރުންނާއި ބެލެނިވެރިން އެދެމުން ދިޔަ ފަދަ ވަގުތީ ހައްލެއް ސަރުކާރުގެ ފަރާތުން ހޯއްދަވައި ދެއްވައިފައިވާ ކަމަށެވެ.
އަރަބިއްޔާއަށް ވަގުތީ ހައްލެއް ހޯއްދަވައިދެއްވުމުގެ އިތުރުން ރާއްޖޭގެ ވޭތުވެދިޔަ އެއްވެސް ސަރުކާރެއްގައި ފުޅާކޮށްފައި ނުވާ މިންވަރަށް ޢަރަބި އިސްލާމީ ތައުލީމުގެ ފުރުސަތު ދިވެހި އިސްލާމީ މުޖުތަމައުގައި ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ނިންމެވި ނިންމެވުމަކީ އެ ޕާޓީ އުފަލާ އެކު މަރުހަބާ ކިޔާ ކަމެއް ކަމަށާއި އެ ނިންމެވުމަކީ، އިސްލާމް ދީނުގެ ނޫރު މަތިވެރިކުރެއްވުމަށާއި އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ދިވެހިންގެ މެދުގައި ފެތުރުއްވުމަށާއި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ހަރުދަނާކުރެއްވުމަށް ރައީސް ދެއްވާ ސަމާލުކަމާއި އަހަންމިއްޔަތުކަން ދޭހަވާކަމެއް ކަަމަށް އެ ޕާޓީން ވިދާޅުވިއެވެ.
މިސަރުކާރަކުން އަރަބި ަދިއިސްލާ ގުރުއާން މިމާދާތަކަންއިސްކަމެތް ނުދޭ ނުވެދްދޭނެ ޔަޖުދެެނ ވާނ އުޅޭކަން
އަދާލަތު ކިޔާ ޕާޓީއެއް އޮންނަ ކަމެއް ނޭނގޭ. އިމްރާނަކާ ޒާހިރަކު މަގާމާހެދި އުޅޭކަން އެނގޭ