އާރަށު މައްސަލައިގައި ރައީސް ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތްތައް އަންނަ މަހު ފަށަނީ

ވ.އާރަށް ކުއްޔަށް ދޫކުރުމުގައި ކޮށްފައިވާ މުއާމަލާތަކާ ގުޅިގެން ކުރީގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކުރާ ދައުވާތަކުގެ އަޑުއެހުންތައް ފަށަން ތައްޔާރުވެއްޖެއެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު އަހުމަދު ޝަފީއު "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އާރަށު މައްސަަލައިގައި ރައީސް ޔާމީނަށް ދައުލަތުން ކޮށްފައިވާ ދައުވާތަކުގެ އިބްތިދާއީ ފުރަތަމަ އަޑުއެހުން އަންނަ ޖެނުއަރީ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް މިހާރު ތާވަލު ކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަރުގެ މައްޗަށް އުފުލައިފައި ވަނީ މަނީލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާއެވެ.
ޕީޖީ އޮފީހުން މީގެ ކުރިން ތުހުމަތު ކޮށްފައި ވަނީ، ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ބޭރުގެ ކުންފުންޏަކަށް އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޔޫއެސް ޑޮލަރު ނަގައި ރައީސް ޔާމީން ލޯންޑަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ގެންދަނީ ގިނަ ދައުވާތަކެއް ކުރަމުންނެވެ. މި ކަންކަމަކީ 2023ގެ ރިޔާސީ އިންތިޚާބުން އެ މަނިކުފާނު ދުރަށް ޖެއްސުމަށް ކުރާ ކަންކަން ކަމަށް އިދިކޮޅުން ބުނެއެވެ.