ޚަބަރު

ބޫސްޓަރ ޑޯޒް ޖެހި މީހުންގެ އަދަދު 26،000އަށް ވުރެ މައްޗަށް

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ބޭނުން ކުރާ ވެކްސިންގެ ބޫސްޓާ ޑޯޒް ޖެހި މީހުންގެ އަދަދު 26،000އަށްވުރެ މައްޗަށް އަރައިފިއެވެ.

Ads by Sosun Fihaara

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 396،822 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 367،672 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 26،448 މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހިފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

މާލޭ ސަަރަހައްދުގައި ހަ ވެކްސިނޭޝަން ސެންޓަރާއި ތިން މޯބައިލް ޓީމް ހަރަކާތްތެރިވަމުންދާއިރު އަތޮޅުތެރޭގައި 176 ވެކްސިނޭޝަން ސެންޓަރު ގާއިމްކުރެވިފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 96،294 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 93،410 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 262 ނިޔާވެފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!