ޚަބަރު

ރާާއްޖޭގެ ތަރައްޤީއަށްޓަކައި ކޮށްދީފައި ހުރި މަސައްކަތަކަށް ރައީސްގެ ޝުކުރު ޗައިނާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ބޭނުންޖެހޭ ވަގުތުތަކުގައްޔާއި، ރާއްޖޭގެ ތަރައްޤީއަށް ޗައިނާއިން ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާ ކުރައްވައިފިއެވެ.

Ads by STELCO

ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ހިޒް އެކްސެލެންސީ ވާންގް ޔީ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވަ ދަތުރުފުޅުގައި މިއަދު ވަނީ ރައީސް ޞާލިޙްއާ ބައްދަލު ކުރައްވައިފައެވެ. މިއަދު ހަވީރު ރައީސް އޮފީހުގައި ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ދެ ބޭފުޅުން ވަނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރައްވައިފައެވެ.

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ މި އަހަރު މިއީ ރާއްޖެއާއި ޗައިނާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 50 އަހަރު ފުރޭ އަހަރުކަމުގައި ވިޔަސް، ސިލްކް ރޯޑްގެ ސަބަބުން ދެ ޤައުމުގެ ގުޅުން 600 އަހަރު ކުރިޔަށް ޖެހޭކަމުގައި ވިދާޅުވެފައެވެ. އަދި، ޗައިނާގެ ފޮރިން މިނިސްޓަރ ވަނީ އެ ޤައުމުގެ ޚާރިޖީ ސިޔާސަތު ބިނާވެފައި ވަނީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިތުބާރާއި، އެއްބައިވަންތަކަމާއި، އެހެން ޤައުމުތަކުގެ ސިޔާދަތައް ކުރާ އިޙްތިރާމްގެ މައްޗަށްކަން ހާމަކުރައްވައިފައެވެ. މީގެ އިތުރުން ވެސް ރާއްޖެ ހިމެނޭހެން ތަރައްޤީވަމުން އަންނަ ހުރިހާ ޤައުމެއްގެ ކުރިއެރުމުގައި ޗައިނާއިން އެހީތެރިވާން ތައްޔާރަށް އޮތް ކަމުގައި ޗައިނާގެ ފޮރިން މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރައީސް ޞާލިޙްގެ ވާހަަކަފުޅުގައި، ވަނީ ރާއްޖޭގެ ކޮވިޑްދިފާޢު ވެކްސިން ކެމްޕެއިނަށް ޗައިނާ ސަރުކާރުން ހަދިޔާކޮށްފައިވާ ސިނޯފާމް ވެކްސިން ޝިޕްމަންޓް ހަދިޔާކުރެއްވިކަން ޚާއްޞަގޮތެއްގައި ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފައެވެ. މީގެ އިތުރުން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ މިހާރު ރާއްޖެއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ބަދަހިވާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވަމުން، މިއަދު ދެޤައުމުގެ ދެމެދުގައި ސޮއިކުރެވުނު އެއްބަސްވުންތަކުގެ މުހިންމުކަން ފާހަގަކުރައްވައި، ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް މިފަދަ އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ވާހަކަފުޅުދައްކަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!