ޚަބަރު

އިންޑިޔާއަށް ދަތުރުކުރާ ދިވެހިން ވެސް ކަރަންޓީން ވާން އަންގައިފި

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

އިންޑިއާއަށް ދަތުރުކުރާ ދިވެހިން ވެސް ކަރަންޓީނު ވާންޖެހޭނެ ކަމަށް ދިވެހި ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ފޮރިން މިނިސްޓްރީން މިގޮތަށް ނިންމަވައިފައި ވަނީ އޮމިކްރޮން ވޭރިއަންޓް ހަލުވިކަމާއެކު މުޅި ދުނިޔޭގައި ފެތުރެމުން އަންނާތީ، އިންޑިއާ ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނެވެ.

މިނިސްޓްރީން ވިދާޅުވީ 11 ޖެނުއަރީ 2022 ވަނަ ދުވަހުގެ އިންޑިއާ ގަޑިން 00:01އިން ފެށިގެން އެ ގައުމަށް ދަތުރުކުރާ ފަރާތްތައް 7 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީން ވާންޖެހޭ ގޮތަށް ހަމަޖައްސައިފައި ވާ ކަމަށެވެ.

މީގެ އިތުރުން ފޮރިން މިނިސްޓްރީން ވިދާޅުވީ އެ ޤައުމަށް ދަތުރުކުރާ ފަރާތްތައް އެ ޤައުމަށް ދަތުރުކުރުމުގެ ކުރިން 72 ގަޑިއިރުގެ ތެރޭގައި ހައްދައިފައިވާ ޕީސީއާރުގެ ނައްސި ޓެސްޓް ނަތީޖާ ހުށައަޅައި، ވޭތުވެދިޔަ 14 ދުވަހުގެ ތެރޭގައި ކޮށްފައިވާ ދަތުރުތަކުގެ މަޢުލޫމާތު ހިމަނައި، ހުށަހަޅާ މަޢުލޫމާތުގެ ޞައްޙަކަމަށާއި، ކޮވިޑާ ގުޅިގެން އެ ޤައުމުގެ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކުން އަޅާ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލު ކުރަން އިޤުރާރުވެ، އެކަމަށް ތައްޔާރުކޮށްފައިވާ "އެއަރ ސުވިދާ" ޕޯޓަލަށް ސެލްފް ޑެކްލަރޭޝަން ފޯމެއް ހުށަހަޅަން ޖެހޭ ގޮތަށް ވެސް ހަމަޖައްސައިފައިވާ ކަމަށެވެ.

އަދި 7 ދުވަހުގެ ކަރަންޓީނަށް ފަހު 8ވަނަ ދުވަހު ހައްދާ ޕީސީއާރު ޓެސްޓުގެ ނަތީޖާ ނައްސިވުމުން ގެއިން ނުކުމެވުނަސް، އިތުރު 7 ދުވަސް ވަންދެން އެމީހެއްގެ ޞިއްޙަތު އަމިއްލައަށް މޮނިޓަރ ކުރަމުން ދާންޖެހޭނެ ކަމަށާއި އެ ޓެސްޓުގެ ނަތީޖާ "އެއަރ ސުވިދާ" ޕޯޓަލްއަށް އަޕްލޯޑު ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. މީގެ އިތުރުން، ކޮންމެ ފްލައިޓަކުން ދަތުރުކުރާ ފަސިންޖަރުންގެ ތެރެއިން %2 މީހުން ވަކި ތަރުތީބެއް ނެތި އެއަރޕޯޓުގައި ޓެސްޓްކުރާ ގޮތަށް ވެސް އެ ޤައުމުގެ ސަރުކާރުން ވަނީ ނިންމައިފައެވެ.

މި ފިޔަވަޅުތައް މިގޮތަށް ހުރި ނަމަވެސް އެ ޤައުމަށް، އެކުގައި ދަތުރުކުރާ 5 އަހަރުން ދަށުގެ ކުދިން އޮން އެރައިވަލް އަދި ގޭގެ ކަރަންޓީން މުއްދަތަށް ފަހު 8ވަނަ ދުވަހު ޓެސްޓު ހައްދަން ނުޖެހޭނެ ކަމަށާއި ނަމަވެސް އެ ޤައުމަށް އެތެރެވާއިރު، ނުވަތަ ގޭގައި ކަރަންޓީންގައި ހުންނަ މުއްދަތުގައި ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ޓެސްޓު ހައްދައި ކޮވިޑަށް ފައްސިވާ ފަރާތްތައް، އެކުލަވައިލައިފައިވާ އުސޫލުތަކާ އެއްގޮތަށް އެކަހެރިވެ ފަރުވާ ހޯދަންޖެހޭނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮވިޑުން ރައްކާތެރިވުމަށް އިންޑިޔާއިން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކުރުމާ ގުޅިގެން އެ ގައުމުގައި ދިރިއުޅޭ އަދި ދަތުރުކުރަން ގަސްދުކުރާ ދިވެހިންނަށް މި ކަމަށް ސަމާލުވުމަށާއި ދަތުރު ކުރުމުގެ ކުރިން މައުލޫމާތު ސާފުކުރުމަށް ފޮރިން މިނިސްޓްރީއިން ވަނީ އެދިފައެވެ.

  1. ސިޔާސީ ހަލަބޮލިކަން އިތުރުވާތީ ވާގޮތެެއްތީ ؟