ކޮމަންޑޫ ދާއިރާގެ އިންތިހާބަށް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތު
ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން އިންތިހާބާ ގުޅިގެން، ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ތުހުމަތު ކޮށްފިއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ނަޒާހާތްތެރިކަން ޔަގީންކުރުމަށް ޓަކައި، ތަރައްޤީގެ މަޝްރޫއުތައް އިއުލާންކޮށް އިފްތިތާހު ކުރުމާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުން، ހުއްޓައިލުމަށް ގޮވައިލައްވާ ކަމަށެވެ.
އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް 7 ޖެނުއަރީގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ށ. ކޮމަންޑުއާއި އެ ރަށާ އެއްފަޅެއްގައި އޮންނަ މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު އިއުލާންކޮށްފައެވެ. މިކަން ޓްރާންސްޕޭރެންސީގެ ނޫސްބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.
އަދި، މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު (14 ޖަނަވަރީ 2022) ފަށަން ނިންމައިފައިވާކަން ޕްލޭނިން މިނިސްޓްރީން އަންގަވައިފައިވާ ކަމަށް ކޮމަންޑޫ ކައުންސިލްގެ ރައީސް މުހައްމަދު ސިނާން ވަނީ މީޑިއާގައި ހިއްސާކޮށްފައެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު، ބައި-އިލެކްޝަން ކެމްޕެއިން ދުވަސްވަރު އަދި ބައި-އިލެކްޝަން ކެމްޕެއިން އިފްތިތާހު ކުރުމަށް ބޭއްވުނު ޕާޓީ ޖަލްސާއެއްގައި އިއުލާން ކުރުމާއި އަދި މިމަޝްރޫއުގައި ފާހަގަކުރެވޭ މައްސަލަތައް ވެސް ފާހަގަކޮށްފައެވެ.
އެގޮތުން އެ މުއައްސަސާއިން ފާހަގަކޮށްފައި ވަނީ:
▪︎ ކެމްޕެއިން ދުވަސްވަރު ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ފަށައި އިއުލާނުކޮށް، އިފްތިތާހުކުރުމަށް ޖަލްސާބޭއްވުން ފަދަ ކަންކަމަކީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށާއި މިފަދަ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން، އިންތިހާބުގެ ނަޒާހާތްތެރިކަމާ މެދު ސުވާލު އުފެދި، ރައްޔިތުންގެ އިތުބާރު ކުޑަވެ، މިނިވަންކަމާ ހަމަހަމަކަމާ އެކު ކެނޑިޑޭޓެއް އިހްތިޔާރު ކުރުމުގެ ފުރުސަތު ހަނިވާ ކަމަށެވެ.
▪︎ 2022ވަނަ އަހަރަށް ފާސްކޮށްފައިވާ ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއުއަށް ބަޖެޓެއް ކަނޑައަޅައިފައި ނުވުމާއި އަދި މަޝްރޫއުއަށް ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ ގޮތުގެ ތަފްސީލެއް ރައްޔިތުންނާ ހިއްސާކޮށްފައި ނުވުން ވެސް ފާހަގަ ކޮށްފައިވެއެވެ.
▪︎ މިފަދަ ބިން ހިއްކުމުގެ މަޝްރޫއެއް ފެށުމުގެ ކުރިން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއަށް ހުށަހަޅަން ޖެހޭ މައުލޫމާތުތައް ހުށަހަޅައި އެ އިދާރާއިން ހޯދަންޖެހޭ ހުއްދަތައް ހޯދައި، އަދި "ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދު 2012"އާ އެއްގޮތްވާގޮތުގެ މަތިން ތިމާވެށްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައިފައި ނުވުމާއި އަދި 14 ޖަނަވަރީ 2022ގައި މި މަޝްރޫއު ފަށަން ހަމަޖެހިފައިވާއިރު، އަވަސް އަރުވައިލައިގެން ހަދާ ތިމާވެށްޓަށް އަސަަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓަކުން މި މަޝްރޫއުއިން ލިބޭނެ ގެއްލުންތަކާއި ކުރާނެ އަސަރުތައް އެންމެ ރަނގަޅުގޮތުގައި ދިރާސާކޮށް ދެނެގަތުމަކީ ކުރެވޭނެ ކަމަކަށް ނުވާނެ ކަމަށެވެ.
▪︎ ތަރައްގީގެ މަޝްރޫއުތަކަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ފަށަންވާ ނީ މަޝްރޫއުގެ ޕްލޭންނިންގ މަރުހަލައިގައިކަމަށްވާ އިރު، މި މަޝްރޫއުއާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ މަސައްކަތް ކޮމަންޑޫ ކައުންސިލުން ފަށައިފައި ވަނީ 11 ޖަނަވަރީގައި ކަމާއި މިއީ މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވާ ތާރީހުގެ 3 ދުވަސްކުރިންކަމަށް ވާތީ، ރައްޔިތުންގެ ހިޔާލު ހޯދައި ރައްޔިތުންގެ ފުރިހަމަ މައުނަވީ ބައިވެރިވުން ނެތުމާއި އެކަން ކަށަވަރު ކުރުމުގެ ސިޔާސީ އަދި އިދާރީ ނިޔަތެއް ނެތް ކަމެވެ.
▪︎ ސަރުކާރުން ހިންގާ މަޝްރޫއުތައް ދެފުށް ފެންނަ ސިޔާސަތެއްގެ ތެރެއިން ކުރިއަށް ގެންދިއުމާ އެކު، މުއައްސަސާތައް ޖަވާބުދާރީ ކުރުވުމަށް މަގުފަހިކުރުމަށް ފަރުމާކުރެވިފައިވާ "އައިލްސް" ވެބްސައިޓުގައި ށ. ކޮމަންޑޫގައި 2022ގައި ހިންގުމަށް ހަމަޖެހިފައިވާ 10 ޕްރޮޖެކްޓުގެ ތެރޭގައި ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު ހިމެނިފައި ނުވުން.
▪︎ ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު އަވަސް މުއްދަތެއްގައި ފަށަން އިއުލާންކޮށްފައިވާ އިރު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ވެބްސައިޓުން ކޮމަންޑޫގައި ހިންގާ މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނިފައި ނުވުން.
▪︎ މިނިސްޓްރީ އޮފް ފައިނޭންސްގެ ވެބްސައިޓުގައި އެވޯޑު ކޮށްފައިވާ އަދި ޓެންޑަރއަށް ހުޅުވައިލެވިފައިވާ މަޝްރޫއުތަކުގެ ލިސްޓުގައި ވެސް ށ. ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވާލުމުގެ މަޝްރޫއުގެ މައުލޫމާތު ހިމެނިފައި ނުވުން.
▪︎ ށ. ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއާ ގުޅުން ހުރި އެއްވެސް މައުލޫމާތެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައި ނުވުން.
މިކަންކަމާ ގުޅިގެން ޓްރާންޕޭރެންސީ މޯލްޑިވްސްއިން ވަނީ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓައިލުމަށާއި ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުން މަނާ ކުރާ ގާނޫނެއް އެކުލަވާލުމާ އެކު، އެ ގާނޫނު 2023ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކުރިން ފުރިހަމައަށް ތަންފީޒުކުރަން ފެށުމަށް ސަރުކާރަށް ގޮވައިލައިފައެވެ. މީގެ އިތުރުން އިންތިހާބުތަކާއި ގުޅުވައިގެން ތަރައްގީގެ މަޝްރޫއުތައް އިއުލާންކޮށް އިފްތިތާހުކޮށް، ރައްޔިތުންގެ ވޯޓަށް ބާރުފޯރުވުން ހުއްޓައިލުމަށް ވެސް ގޮވައިލައިފައިވެއެވެ. އަދި ތަރައްގީގެ މަޝްރޫއުތައް ރޭވިގެން އަންނައިރު ރައްޔިތުންގެ ފުރިހަމަ އަދި މައުނަވީ ބައިވެރިވުމާއި މަޝްވަރާގެ މަތިން ހިންގުމަށާއި އެފަދަ މަޝްރޫއުތަކަކީ ދިގު ރާސްތާގެ ޕްލޭނެއްގެ ދަށުން ހިންގޭ މަޝްރޫއުތަކެއްކަން ކަށަވަރުކުރުމުގެ އިތުރުން، އެ މަޝްރޫއުތައް ހިންގެނީ އެންމެ ބޭނުން ޖެހިފައިވާ ކަންކަންކަމަށާއި ސަރަހައްދުތަަކަށްކަން ކަށަވަރުކުރުމަށް ވެސް ގޮވައިލައިފައިވެއެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން އިތުރަަށް ގޮވައިލެއްވީ، ތަރައްގީގެ މަޝްރޫއުތައް ހިންގަންފެށުމުގެ ކުރިން ތިމާވެށްޓަށް ކުރާ އަސަރު ބެލުމުގެ އިތުރުން، މަޝްރޫއުގެ ސަބަބުން ނުކުންނާނެ އިޖުތިމާއީ އަދި އިގްތިސާދީ އަސަރުތައް ފުރިހަމައަށް ދިރާސާކޮށް ރިޕޯޓެއް ހަދައި އެއަށް ފުރިހަމައަށް އަމަލުކޮށް، ތިމާވެށްޓަށް އަސަރުފޯރާނެ ކަންކަން ކުޑަކުރަން ފިޔަވަޅު އަޅާކަން ކަށަވަރު ކުރުމަށެވެ.
އަދި އިލެކްޝަންސް ކޮމިޝަން، އެންޓި-ކޮރަޕްޝަން ކޮމިޝަން، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ދިވެހި ފުލުހުންގެ ހިދުމަތް ފަދަ ކަމާ ގުޅޭ ދައުލަތުގެ މައައްސަސާތަކުންް ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރާ ފަރާތްތައް ޒިންމާދާރުކޮށް ޖަވާބުދާރީކުރުވުމަށް ވެސް ގޮވައިލައިފައިވެއެވެ.