ވިނަގަނޑަށް ކެމިކަލެއް ނުޖަހަން، ލަފާކުރެވެނީ ކޮތަރުތަކަށް އެއްޗެއް ބޯންދީފައި ހުރިކަމަށް: މާލޭ ސިޓީ ކައުންސިލް

ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތައް ބަލިވަނީ، އެތަނުގެ ވިނަގަނޑު ދިރުވަން މާލޭ ސިޓީ ކައުންސިލުން އިސްވެ ޖަހައިފައިވާ ކެމިކަލްއަކުން ނޫން ކަމަށް އެ ކަައުންސިލުން މިރޭ ވިދާޅުވެއްޖެއެވެ.
އާންމުކޮށް ޖުމްހޫރީ މައިދާނުން ފެންނަ ކޮތަރުތަކަށް މިފަހަކަށް އައިސް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާކަން ވަނީ އާންމުންގެ ސަމާލުކަމަށް އައިސްފައެވެ. އެގޮތުން އެ ކޮތަރުތަކުގެ ލޮލާއި ތުންގަނޑު ކައިރީގައި އުން ތަކެއް ނަގައިފައިވާ ހުރިކަން ފާހަގަ ވެފައިވެއެވެ.
ކޮތަރުތަކަށް ޖެހިފައި ވަނީ ކޮން ބައްޔެއްކަން އަދި މިހައިތަނަށް އެނގިފައި ނުވާ އިރު، މިއީ ޖުމްހޫރީ މައިދާނުގެ ވިނަތައް ދިރުވަން ސިޓީ ކައުންސިލުން ޖެހި ކެމިކަލެއްގެ ސަބަބުން ވީ ކަމެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން މިރޭ ވިދާޅުވީ، ވިނަތަކަށް ޖަހާ ކެމިކަލެއްގެ ސަބަބުން ކޮތަރުތަކަށް އެހެން ނުވާނެ ކަމަށް، އެކަމާ ގުޅޭ ތަޖުރިބާކާރަކާ މަޝްވަރާ ކުރުމުން ވިދާޅުވި ކަމަށެވެ.
"އެހާ ވިހަ ގަދަ ކެމިކަލެއް ނަމަ ވިނަގަނޑު މަރުވާނެ ކަމަށާއި ހީވަނީ ސީދާ ކޮތަރަށް އެއްޗެއް ގިރައިފައި ބޯންދީފައި ހުރިހެން ކަމަށް ތަޖުރިބާކާރު ވިދާޅުވި" މާލޭ ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
https://twitter.com/MaleCitymv/status/1481296180491726849?s=20
މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ކުރި ޓްވީޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގެ ވިނަގަނޑު ބެލެހެއްޓުމަށް ސިޓީ ކައުންސިލުން އެއްވެސް ބާވަތެއްގެ ކެމިކަލްއެއް ބޭނުންކުރައްވަމުން ނުދާ ކަމަށާއި ވިނަތައް ބެލެހެއްޓުމަށް ފެންޖެހުން ފިޔަވައި އިތުރު ކަމެއް ނުކުރައްވާ ކަމަށެވެ.
ޖުމްހޫރީ މައިދާނުގައި އުޅޭ ކޮތަރުތަކަށް ގޮތް ނޭނގޭ ބައްޔެއް ޖެހިފައިވާތީ، އެއީ ކޮން ބައްޔެއްތޯ ބެލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އެންވަޔަރަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕޭއޭ)އިން މިއަދު ވަނީ ވިދާޅުވެފައެވެ.





ކޮމެންޓް