ދުނިޔެ

ކޮވިޑާ ގުޅިގެން ހޮންގް ކޮންގގައި 2،000 އެއްހައި ޅަ ޖަނަވާރު މަރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހޮންގް ކޮންގްގައި ޖަނަވާރު ގެންގުޅޭ ފިހާރައެއްގައި އުޅޭ މީހަކަށް ކޮވިޑް-19 ޖެހުމުން، އެ ފިހާރައިގައި ގެންގުޅުނު 2،000 އެއްހައި ހެމްސްޓާއާއި އެހެނިހެން ކުދި ޖަނަވާރުތައް މަރައިލާން ނިންމައިފިއެވެ.

Ads by WAMCO

ފިހާރައިގައި މަސައްކަތް ކުރާ މީހެއްގެ ފަރާތުން ކޮވިޑް-19 ފެނުމާ ގުޅިގެން އެ ޤައުމުގެ ސިއްހީ މާހިރުން ވަނީ، އެ ފިހާރައިގައި ގެންގުޅޭ ބައެއް ޖަނަވާރުތައް ޓެސްޓްކޮށްފައެވެ. މި ޓެސްޓް ކުރުމުގައި 11 ހެމްސްޓާ ވަނީ ބައްޔަށް ފައްސިވެފައެވެ.

އެހެން ގިނަ ޤައުމުތަކާ ޚިލާފަށް ހޮންގްކޮންގއިން ވަނީ ބަލި ނައްތައިލާން ފޯކަސްކޮށްގެން "ޒީރޯ ކޮވިޑް" ސްޓްރެޓެޖީއެއް ދަމަހައްޓައިފައެވެ. މިގޮތުން ބަލި ޖެހޭ މީހުންގެ އިތުރުން ބަލި ޖެހޭ މީހާއާ އެއްތާވާ މީހުން އަދިވެސް އެ ސަރަހައްދުގައި ކަރަންޓީން ކުރެއެވެ.

ހެމްސްޓާ އެކަނި ބައްޔަށް ފައްސިވި ނަމަވެސް، އެ ފިހާރައިގައި ގެންގުޅޭ 2،000 ހެމްސްޓާގެ އިތުރުން މުސަޅު ފަދަ ޖަނަވާރުތައް ވެސް މެރުމަށް ވަނީ ނިންމައިފައެވެ. އަދި 22 ޑިސެމްބަރއިން ފެށިގެން އެ ފިހާރައިން ހެމްސްޓަރއެއް ގަނެފައިވާ ނަމަ އެ ޖަނަވާރު ކަމާބެހޭ އިދާރާއާ ހަވާލު ކުރުމަށް ވަނީ އަންގައިފައެވެ.

މި ފިހާރައިގައި މަސައްކަތްކުރާ މީހެއް ފަރާތުން ފިހާރައިން ވިޔަފާރި ކުރި ކަސްޓަމަރަކާ އޭނާގެ އަންހެނުންނަށް ވެސް ވަނީ ބަލި ޖެހިފައެވެ.

ކޮވިޑް-19 ޖައްސާ ވައިރަސް - ސާރސް-ކޯވް-2 - ޖެހޭ ޖަނަވާރުތަކުގެ ތެރޭގައި ކުއްތާ، ބަކަރި، ފެރެޓް އަދި ރޮޑެންޓް ފަދަ ޖަނަވާރުތައް ހިމެނެއެވެ. އެހެން ނަމަވެސް ޖަނަވާރުންގެ ގައިން އިންސާނުންނަށް ފަސޭހައިން އިންފެކްޝަން ވާސިލްވެވޭނެ ކަމުގެ ސާފު ހެއްކެއް އަދި ހޯދިފައެއް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!