Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކޮވިޑް-19 ކޮންޓްރޯލުން ނައްޓައިފި، އެޗްޕީއޭއިން އަދިވެސް ކުރަނީ "މަޝްވަރާ"

ކޮވިޑް-19 ކޮންޓްރޯލުން ނައްޓައިފި، އެޗްޕީއޭއިން އަދިވެސް ކުރަނީ "މަޝްވަރާ"

ހަލުވި ކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19އާ ގުޅިގެން، ފިޔަވަޅުތައް ވަރުގަދަ ކުރުމާ މެދު މަޝްވަރާ ކުރެވެމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔޭގައި ވެސް ފެތުރެމުންދާ މި ބަލި ރާއްޖެއިން ފެނިފައި ވަނީ 2020 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. އެއަަށް ފަހު ރާއްޖޭގައި އެޅި ފިޔަވަޅުތަކުގެ ސަބަބުން ބަލި ކޮންޓްރޯލް ވެފައިވަނިކޮށް، ފިޔަވަޅުތައް އުވާލައި، ދިން ލުއިތަކާ އެކު ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު މިވަނީ ކުރިއަށް ވުރެ މާ ބޮޑަށް ގޯސްވެފައެވެ.

އެގޮތުން މި ހަފްތާގައި ގިނައީ ދުވާލަަކަށް 1000އަށް ވުރެ ގިނަ މީހުން ކޮވިޑް-19އަށް ފައްސި ވެފައިވާ ދުވަސްތަކެވެ. މިއަދު މި ބައްޔަށް ފައްސިވީ ޖުމްލަ އަދަދު ވަނީ 2،137އަށް އަރައި، ރައްޔިތުންގެ ހިތްތަކުގައި އަނެއްކާވެސް ބިރުވެރިކަން އުފެދިފައެވެ. ފުރަރަށް މާލޭގައި ކޮވިޑް-19އަށް ފައްސިވާ އިންސައްތަ އުޅެނީ 36 އިންސައްތައިގައެވެ.

Advertisement
Ooredoo — Square (box)

އިތުރުވަމުން އަންނަ ފައްސި އަދަދުތަކާ އެކު ކޮންމެ ރައްޔިތެއްގެ ހިތުގައި ވެސް އުފެދިފައި ވަނީ އެއް ސުވާލެކެވެ. ކޮވިޑްގެ މި ނުރައްކާ ހާލަތާ ގުޅިގެން ސަރުކާރުން އިތުރަށް އަޅަން ނިންމައިފައި ވަނީ ކޮން ފިޔަވަޅުތަކެއްތޯއެވެ.

"ދެން"އިން މިކަމާ ގުޅޭ ގޮތުން އެޗްޕީއޭގެ އޮފިޝަލަކާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ދޭން އޮތީ ކުރިން ވެސް ދެއްވި ޖަވާބު ކަމަށާއި އެއީ މިކަމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ ވެސް މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ.

"އިތުރު ފިޔަވަޅެއް އަޅާ ނަމަ އެކަން އަޅުގަނޑުމެން އަންގައިލާނަން. އަޅުގަނޑުމެން އަބަދުވެސް ބުނަން ދެއްތޯ ކުރާކަންކަން، އެހެންވެ އެކަން ކަމަށް ފޯކަސް ކުރަމުން ގެންދަނީ. ކޭސް ލޯޑާ ބެހޭ  ގޮތުން ވާހަކަވެސް ދެކެވެމުން ދަނީ." އޮފިޝަލު ވިދާޅުވިއެވެ.

އެޗްޕީއޭގެ އޮފިޝަލު މީގެ ކުރިން ވެސް ވިދާޅުވެފައި ވަނީ، ކޮވިޑާ ގުޅިގެން މިހާރު ރާއްޖެ އޮތް ހާލަތާ ގުޅިގެން މަޝްވަރާތައް ކުރެވެމުންދާ ކަމަށާއި އިތުރު ފިޔަވަޅެއް އަޅާ ނަމަ އެކަން އިއުލާނު ކުރާނެ ކަމަށެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ކޮވިޑްގެ ވޭދަނަތައް އިތުރުވަމުން ދިޔުމާ ގުޅިގެން، އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުން އެހެން ރަށަކަށް ދަތުރުކުރާ ނަމަ ނައްސި ޕީސީއާރް ޓެސްޓެއް އޮތުން މަޖުބޫކޮށްފައެވެ. ވެކްސިން ނުޖަހާ މީހުން ދަތުރުކުރާ ނަމަ 14 ދުވަހަށް ކަރަންޓީނު ވާން ވެސް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އަދި ކުޅިވަރު މުބާރާތްތަކާއި ޖަލްސާތައް ވެސް މި ދުވަސްކޮޅު ބޭއްވުން ހުއްޓައިލުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ.

މި ނޫން އިތުރު ފިޔަވަޅެއް އެޗްޕީއޭއަކުން އަޅައިފައެއް ނުވެއެވެ. ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، އެޗްޕީއޭއިން ހަނު ތިބުމުން ގިނަ ބަޔަކު އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ. ކޮވިޑް-19 ރާއްޖެއިން ފެނުނު ދުވަސްވަރު އެޗްޕީއޭއިން ވަނީ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާ ހާލަތު ވަރަށް ރަނގަޅަށް ކިޔައިދީފައެވެ. އެހެން ނަމަވެސް މިހާރު އެޗްޕީއޭއިން މިގޮތަށް އަމަލު ކުރަމުންދާ ތަނެއް ނުފެނެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް