މޫނު ބުރުގާ ނަގަން އެންގީ ޓީޗަރުގެ މޫނު ފެނުމުން ކިޔެވުމަށް ޝައުޤުވެރި ވާތީ: އެޑިއުކޭޝަން

ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތެއް ކަމަށާއި ފިލާވަޅަށް ދަރިވަރުންގެ ޝައުގުވެރިކަން ހޯދުމުގައި މުދައްރިސުގެ ނޮންވަރބަލް ބިހޭވިއަރ މުހިއްމު ދައުރެއް އަދާކުރާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ކިޔަވައިދޭ ވަގުތުތަކުގައި ނިޤާބު އަޅުއްވާ ޓީޗަރުން ވެސް މޫނު ފެންނަ ގޮތަށް ހުންނަން ޖެހޭ ކަމަށް ޤަވާއިދުގައި އޮތުމުން އެކަމުގެ ބަހުސް ވަނީ ހޫނުވެފައެވެ.
މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސްކޫލުތަކުގެ އެކި މަގާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި މޫނުބުރުގާ އަޅައިގެން މަސައްކަތް ކުރާ ބޭފުޅުން ވެސް ހިމެނޭ ކަމަށެވެ. އަދި އެ ބޭފުޅުންނާއި މޫނުބުރުގާ ނާޅާ ބޭފުޅުންނާ މަސައްކަތު މާހައުލުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ..
މީގެ އިތުރުން، މޫނުބުރުގާ އަޅައިގެން ކިޔަވައިދޭން ބޭނުންވާ މުދައްރިސުންނަށް އެ ފުރުޞަތު ފަހިކޮށްދެވިފައިވަނީ، ކިޔަވައިދޭ ވަގުތު ދަރިވަރުންނަށް މޫނު ފެންނާނެހެން ތިބޭގޮތަށް ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވިއެވެ. އަދި މިގޮތަށް މިކަން އަމަލު ކުރަން ފެށީ 2019ވަނަ އަހަރު ޖަނަވަރީ މަހުން ފެށިގެން ކަމަށާއި މިކަން މިގޮތަށް ކުރާ ސަބަބު، އެޑިއުކޭޝަނުން ވަނީ ތަފްސިލްކޮށްދީފައެވެ.
"މިގޮތަށް އަންގައިފައި ވަނީ ދަރިވަރުންނަށް އުނގަންނައިދިނުމުގައި މޫނުމަތީގެ ޙަރަކާތްތަކަކީ ނުހަނު ބޭނުންތެރި ވަޞީލަތަކަށްވުމާއި، ޓީޗަރުންގެ މޫނުމައްޗަށް ގެނެވޭ އެކިއެކި ޙަރަކާތްތަކުން ފިލާވަޅު ދަރިވަރުންނަށް ފަހުމުވުމުގައި އެހީއަކަށްވާކަމަށް ތަޖުރިބާކާރުންނާއި މާހިރުން އިއްތިފާޤުވާތީ، އެ ފުރުޞަތުން ދަރިވަރުން މަޙުރޫމުވިޔަ ނުދިނުމަށް ޓަކައި" އެޑިއުކޭޝަނުން މިއަދު ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.
ޓީޗަރުން މާސްކް އަޅައިގެން ކިޔަވައިދޭތީ، މޫނު ބުރުގާއާ މިކަމާ ތަފާތަކީ ކޮބައިތޯ ގިނަ ބަޔަކު ސުވާލު ކުރަމުންދާތީ، އެޑިއުކޭޝަނުން ވިދާޅުވީ، މުދައްރިސުން ކިޔަވައިދިނުމުގައި މާސްކު އަޅަން އަންގައިފައި ވަނީ ސިއްހީގޮތުން ދިމާވެފައިވާ ހާއްސަ ހާލަތަކާ ގުޅިގެން މަޖްބޫރީ ހާލަތެއް މެދުވެރިވުމުން ކަމަށެވެ. އަދި އުއްމީދަކީ މާސްކް ނާޅާ ކިޔަވައިދިނުމުގެ ކަންކަން ވީހާވެސް އަވަހަކަށް ކުރިޔަށް ގެންދެވޭނެ ދުވަހެއް އައުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.







ކޮމެންޓް