ޑާޑިގެ ޖަނާޒާ މާދަމާ މެލޭޝިއާގައި ބާއްވަނީ

ރާއްޖޭގެ މަޝްހޫރު ވެބް ޑިވެލޮޕަރު އަހްމަދު ރިޔަޒީ މުހައްމަދު (ޑާޑި)ގެ ޖަނާޒާ މެލޭޝިއާގައި މާދަމާ ބާއްވަން ހަމަޖައްސައިފިއެވެ.
މެލޭޝިއާގައި ދިރިއުޅެމުން ގެންދަނިކޮށް ކުއްލިގޮތަކަށް ޑާޑި ނިޔާވީ، މިދިޔަ އާދީއްތަ ދުވަހު ދުވަން ނުކުމެ އުޅެނިކޮށެވެ.
އެނގިފައިވާ ގޮތުގައި ޑާޑިގެ މޫނު ދެއްކުން އޮންނާނީ މާދަމާ ހެނދުނު 11:30އިން ފެށިގެން މެލޭޝިއާގެ ކުއަލަމްޕޫރުގައި ހުންނަ ކެބަންސާން ހޮސްޕިޓަލްގައެވެ. އަދި އެތަނުގައި އޭނާގެ ކަށުނަމާދު ކުރުން މާދަމާގެ މެންދުރު ނަމާދަށް ފަހު އޮންނާނެ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
ޑާޑިއަކީ ރާއްޖޭގެ ސްޓާޓް އަޕްތަކަށް އެހީތެރިވާން އުފައްދާފައިވާ ކޮންސަލްޓެންސީ ފާމެއް ކަމަށްވާ ސްޕާކް ހަބްގެ ކޯ ފައުންޑަރެވެ. އޭގެ އިތުރުން އޭނާ އަކީ ވެބްސައިޓްތަކާއި އެޕްލިކޭޝަންތަކަށް ބޭނުންވާ އެނިމޭޝަން ތައްޔާރުކުރަން ދިވެހި ވެބް ޑިވެލޮޕަރުން ގުޅިގެން އުފެއްދި މަޝްހޫރު "ލޮޓީފައިލްސް"ގެ އެންމެ އިސް އެއް ފަރާތް ވެސް މެއެވެ.