ރައީސް ޔާމީނަށް ހުކުމް އިއްވުން ފަސް މަސް އަވަސްކޮށްފި
ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ވ. އާރަށް ކުއްޔަށްދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލައިފައިވާ ދެ ދައުވާގެ ހުކުމް އިއްވުން ކުރިން ހަމަޖެއްސި ތާރީހަށް ވުރެ ފަސް މަސް އަވަސްކޮށްފިއެވެ.
ރިޝްވަތު ނެގުމާއި މަނީ ލޯންޑަރ ކުރިކަމަށް ބުނެ ދައުލަތުން ކޮށްފައިވާ މި ދެ ދައުވާއަށް ހުކުމް އިއްވަން މީގެ ކުރިން ތާވަލު ކުރީ މިއަހަރުގެ ނޮވެމްބަރު މަހުގެ 25އަށެވެ.
ނަމަވެސް އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުން މިހާރު ޖޫން މަހުގެ 30އަށް އަވަސް ކޮށްފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސްވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު "ދެން"އަށް ކަށަވަރު ކޮށްދެއްވިއެވެ.
"ހުކުމް އިއްވުން ކުއްލިއަކަށް އަވަސް ކުރީ ކީއްވެ ކަމެއް އެއްގޮތަކަށް ވެސް ނޭނގެ. އަޅުގަނޑުމެން ވަރަށް ކަންބޮޑުވާކަމެއް މިއީ" ޑރ. ޖަމީލް ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ޝަރީއަތް ލައިވް ކޮށްދިނުމަށް އެމަނިކުފާނު ކުރިން ވަނީ އެދިލައްވައިފައެވެ. އެކަމާ ގުޅިގެން އިސް ގާޒީ ވިދާޅުވީ ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މި ވަގުތު ކޯޓުގައި ނެތް ކަމަށާއި އެހެންވެ، އެ ޝަރީއަތް މި ވަގުތު ލައިވް ނުކުރެވޭނެ ކަމަށެވެ. އެކަމަކު، ވަސީލަތްތައް ލިބުމުން ލައިވް ކުރާނެ ކަމަށާއި ލައިވް ނުކުރިޔަސް، އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވައިލައިގެން ކަމަށް ވެސް އިސް ގާޒީ ޝަކީލް ވިދާޅުވިއެވެ.