ސިޔާސީ

ބަޣާވާތް ނުކުރި ނަމަ، ދެ ކޮމަންޑޫ މިހާރު އޮންނާނީ ގުޅައިލައިފައި: ދޮންބިލެތް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް--

ބަޣާވާތްކޮށްގެން، 2008 ވަނަ އަހަރުގައި، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ(އެމްޑީޕީ)ގެ ވެރިކަން ވައްޓައި ނުލި ނަމަ، ދެކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއު އޮންނާނީ ނިމިފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް(ދޮންބިލެތް) ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ށ.ކޮމަންޑޫއާއި މަތި ކޮމަންޑޫ ގުޅުވައިލުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު 2018ވަނަ އަހަރުގެ ރިޔާސީ ކެމްޕެއިނުގައި ކޮމަންޑޫ ދާއިރާގެ ރައްޔިތުންނަށް ވެވަޑައިގެންނެވި މުހިންމު ވައުދެކެވެ.

އެހެން ނަމަވެސް، މި މަޝްރޫއު ބަޖެޓުން ބޭރުން ހަރަދު ކޮށްގެން ފެށީ، ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެ، އެ ދާއިރާގެ ބައި-އިލެކްޝަނަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށެވެ.

ބަޖެޓުގައި ކޮމަންޑޫ ދާއިރާގެ ތިން ރަަަށަށް ޖުމްލަ 28 މިލިއަން ރުފިޔާ ކަނޑައަޅައިފައި އޮތްއިރު، އެމްޓީސީސީއާ ހަވާލު ކުރި ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއުއަށް އެކަނި ވެސް 249 މިލިއަން ރުފިޔާ ހަރަދުވެއެވެ.

ސަންގު ޓީވީގެ "ޚަބަރަށް ފަހު" ޕްރޮގްރާމްގައި، އެ ޝޯގެ ޕްރެޒެންޓަރު ވަނީ، މި މަޝްރޫއުއަކީ އިންތިހާބާ ދިމާކޮށް ހިންގާ މަޝްރޫއުއެއް ނޫންތޯ ހަލީމްއާ ސުވާލު ކޮށްފައެވެ. ޖަވާބުގައި އޭނާ ވިދާޅުވީ، މިއީ އެމްޑީޕީގެ ވަރަށް ޒަމާންވީ ވައުދެއް ކަމަށާއި، އެ މަޝްރޫއު ނިންމުން ލަސް ވެސް ވެއްޖެ ކަމަށެވެ.

އަދި ބަޣާވާތަކުން އެމްޑީޕީގެ ފުރަތަމަ ވެރިކަން ވައްޓައިނުލި ނަމަ ދެ ކޮމަންޑޫ އޮންނާނީ އެއްވެފައި ކަމަށް ވެސް ވިދާޅުވިއެވެ.

"ކޮމަންޑުއަކީ ތަނަވަސް އާބާދީއެއް އޮތް، އެހެން ނަމަވެސް ވަރަށް ބިންކޮޅު ކުޑަ ރަށެއް. އަބަދުވެސް، އެމްޑީޕީ ވުޖޫދު ވީއްސުރެ ވެސް، ފުރަތަމަ ސަރުކާރުގައި ވެސް ގެނައި ވިސްނުމެއް ދެ ކޮމަންޑޫ އެއް ކުރުމަކީ. އަޅުގަނޑުމެންނަށް އޭރުގައި ސަރުކާރު ވައްޓާލުމާ ގުޅިގެން އެކަން ނުކުރެވި އޮތީ. އެހެން ނޫން ނަމަ، މިއަދު އެ ބަޣާވާތުން ސަރުކާރު ވައްޓާ ނުލިނަމަ، މިހާރު ދެކޮމަންޑޫ އޮންނާނީ އެއްވެ، އެތަނުގައި ގޯތި ދެވި، މީހުންނަށް އާބާދު ވެވި، ރަނގަޅު ކޮމަންޑޫއެއް އުފެދިފައި." އޭނާ ވިދާޅުވިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރުން އެމްޑީޕީއަށް އެހައި މުހިންމު ވަނީ ކީއްވެތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެޕާޓީއަކީ އިންތިހާބުތައް ކާމިޔާބު ކުރުމަށް ޓަކައި އަބަދުވެސް ވަރަށް ބުރަ މަަސައްކަތްތަކެއް ކުރާ ޕާޓީއެއް ކަމަށެވެ. އެގޮތުން އެއްވެސް އިންތިހާބެއްގައި، ދާއިރާއެއް ދޫނުކޮށް، ފޯރީގައި އެމްޑީޕީން އަބަދުވެސް ވާދަކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ސަރުކާރާ އެކީގައި މަސައްކަތްތަކެއް ކުރަން އުޅޭއިރު، އެންމެ ގޮނޑި އަކީވެސް މުހިންމު ގޮނޑިއެއް. ކޮމަންޑޫ ދާއިރާގެ ގޮނޑީގެ ފަހުން ވެސް ގޮނޑިއެއް ހުސްވެއްޖެއްޔާ، އަޅުގަނޑުމެން ހަމަ އެއަށް ވާދަ ކުރާނަން." އޭނާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ލަމްހާ

    ޚިޔާލީ ފޮލާ ހުސް.
    އިސްތިއުފާ ނުދިންނަމައޭ ކިޔާބަލަ. ހަގީގަތް އޮޅުވާ ނުލައްވާ. ކޯނީ ރިޕޯޓް ތައްޔާރުކުރީ އެމްޑީޕީން ރައީސް ނަޝީދު އެދުނު ގޮތަށް ގަހާސައީދު ހުރެގެން. ހަމައެހެންމެ ނއިބުރައީސްކަމަށް އައުމަށް އަންނިގެ ރަނިންމޭޓަކަށް ވަހީދު ހަމަޖެއްސީ ދައުރުގެ މެދުން އޭނަޔާ ރައީސްކަން ހަވަލުކުރާ ގޮތަށް.
    މިކަމުގެ ހެކިވެސް ފެންނާނެ ބަލަން އުޅުނީމަ. އަންނި ފާޅުކަން ބޮޑުކޮށް ޕޯޑިއަމްގަ ބުނަންވެސް ބުނި ދައުރުގެ މެދުތެރެއިން އިންތިޚާބެއް ބާއްވަންވެސް. ބަރުލަމާނީ ވޯޓުން ފެއިލްވީމާ ދެން އޮތް ޗޮއިސް ވަހީދަށް ހައްގު ނައިބްރައީސްކަން ދެއްވީ.