ޚަބަރު

އަޑުބަރޭ ސްޓޭޓް މިނިސްޓަރުކަމުގެ މަޤާމުން ވަކިކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުން އަސްއަދު އަލީ (އަޑުބަރޭ) ވަކިކޮށްފިއެވެ.

Ads by STELCO

އޭނާ ވަކިކޮށްފައި ވަނީ އޭނާގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވުމާ ގުޅިގެންނެވެ.

އަޑު ބަރޭގެ މައްޗަށް ހުކުމްކޮށްފައި ވަނީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޖިންސީ ގޯނާގެ މައްސަލައިގައި އޭނާގެ ބަދަލުގައި ޖާމިނުވާން އެއްބަސްވެ، އަލީ ވަހީދު ރާއްޖެ ނުގެނުވުމާ ގުޅިގެންނެވެ.

އަޑުބަރޭ މަޤާމުން ވަކިކުރަން މިއަދު ނިންމައިފައިވާ އިރު، މިވަގުތު އަޑުބަރޭ ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ށ. އަތޮޅުގައެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް ޝަރީއަތުގެ އަޑު އެހުމަށް އަޑުބަރޭ ހާޒިރުވެފައެއް ނުވެއެވެ. އަޑުބަރޭގެ މައްޗަށް ޙުކުމްކޮށްފައި ވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ.

ކޯޓުގައި ދައުލަތުން އެދިފައި ވަނީ އަޑުބަރޭއަށް އެއް އަހަރު ދުވަހުގެ ޙުކުމެއް ކޮށްދިނުމަށެވެ. މީހަކު ޖާމިނު ކޮށްފައި ދޫކުރާ އިރު ކޯޓުން ކުރާ ޝަރުތުތަކާ ހިލާފުވެއްޖެ ނަމަ، ޖާމިނުވި މީހާއާ ދެކޮޅަށް އެޅޭ ފިޔަވަޅުތަކަކީ އެއް އަހަރަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގިނަވެގެން ދެ އަހަރަށް ގޭގައި ބަންދު ކުރުން ނުވަތަ 15،000ރ.އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

އަލީ ވަހީދު ރާއްޖެއިން ފުރަން ޕާސްޕޯޓް ދޫކޮށްފައިވަނީ އަޑުބަރޭ ޖާމިނުކޮށްފައެވެ. ޖިންސީ ގޯނާގެ ކުރުމުގެ މައްސަލައިގެ ޝަރީއަތް ފެށިފައި ވަނިކޮށް، އަލީ ވަހީދު ވަނީ ބޭސްފަރުވާއަށް ބޭރަށް ގޮސްފައެވެ. އޭނާގެ ޕާސްޕޯޓް ދޫކޮށްފައި ވަނީ ހަތަރު މަސްފަހުން ރާއްޖެ އަންނަ ގޮތަށެވެ. އަދި ނައިސްފި ނަމަ އެކަމުގެ ޒިންމާ އަޑުބަރޭ ނަގާ ގޮތަށެވެ. ނަމަވެސް މިދިޔަ އަހަރު ފެބްރުއަރީ މަހު ރާއްޖެއިން ފުރައިގެން ދިޔަ ގޮތަށް އަލީ ވަޙީދު ދިރިއުޅެމުން އަންނަނީ އިނގިރޭސިވިލާތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!