ވޯޓް ލާ މަރުކަޒުތައް ކައިރީ އެމްޑީޕީން ޖަގަހަ އޮޕަރޭޓް ކުރާ ކަމަށް ބުނެ ޕީޕީއެމް އިން ބާ ޖަމާލުއްދީނަށް

ރައްޔިތުން މަޖިލީހުގެ ކޮމަންޑޫ ދާއިރާ ބައި އިލެކްޝަނުގެ ވޯޓަށް ނުފޫޒު ފޯރުވާ ކަމަށާއި، އެމްޑީޕީން ދަނީ ވޯޓް ލާ މަރުކަޒު ކައިރީ ޖަހަގަ އޮޕަރޭޓް ކުރަމުން ކަމަށް ބުނެ ޕީޕީއެމް އިން މައްސަލަ ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން ހުންނަ ބާ ޖަމާލުއްދީނަށް ގޮސްފިއެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ބާ ޖަމާލުއްދީނަށް ޕީޕީއެމްގެ ޓީމެއް ދާ ކަމަށާއި އިލެކްޝަން ކޮމިޝަން ކުރެން އެމްޑީޕީން ޖަހަގަ ހަދައިގެން ކުރަމުން އަންނަ ކަންތައް ހުއްޓައިދިނުމަށް އެދޭނެ ކަމަށެވެ.
މީގެ އިތުރުން އިދިކޮޅުން މިއަދު ވަނީ ދެ މައްސަލަ އެއް ހުށަހަޅާފައެވެ. އެއީ، އިސްކަންދަރު ސުކޫލު ކުރިމަތީގައި ހުރި ގެއެއްގެތެރޭގައި ވޯޓަށް ނުފޫޒު ފޯރުވުމަށް އެމްޑީޕީން ފައިސާ ބަހާ މައްސަލަ އަކާއި، އެމްޑީޕީގެ ކެންޑިޑޭޓު މުޙައްމަދު ރާޝިދު ފޯކައިދޫ ވޯޓުލާ މަރުކަޒު ކައިރީގައި ކެމްޕެއިނުކޮށް ވޯޓަށް ނުފޫޒު ފޯރުވާ މައްސަލައެވެ.
ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަން ފެށިގެން ކުރިޔަށްދާއިރު، އިއްޔެ ތިން މައްސަލަ އަކާއި މިއަދު ދެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ވަނީ ވިދާޅުވެފައެވެ.
ކޮމަންޑޫ ދާއިރާގެ އިންތިޚާބުގެ ވޯޓްލުން މިއަދު 4 ޖެހުމާ ހަމައަށް ކުރިޔަށްދާނެއެވެ.