ޚަބަރު

ދާންދޫގައި ކޮވިޑް ވެކްސިންގެ 4 ވަނަ ޑޯޒު ޖެހި މީހާގެ ހާލު ރަނގަޅު

ރައުފާ ރަޝީދު ، ދެން އޮންލައިން

ގއ. ދާންދޫގައި ކޮވިޑް ވެކްސިންގެ 4ވަނަ ޑޯޒު ޖެހި އުމުރުން ދުވަސްވީ މީހާގެ ހާލު ރަނގަޅު ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް “ދެން”އަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެމީހާ އެރަށު ސިއްހީ މަރުކަރުގައި އެޑްމިޓްކޮށްފައިވާ ކަމަށާއި އޭނާގެ ހާލު ވަރަށް ގާތުން ބަލަމުންދާ ކަމަށް އާސިފް ވިދާޅުވިއެވެ.

“އެމިހާގެ ހާލު ރަނގަޅު. ދެންމެ ވެސް އަޅުގަނޑު މި އަންނަނީ އެ މީހާ ކައިރިއަށް ގޮސްފައި. އެއްވެސް ސައިޑް އިފެކްޓެއް ނޫނީ އިތުރު ކަމެއް އަދި ނުވޭ. މިހާރު އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބަލަމުން ދަނީ” އާސިފް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅޭ ގޮތުން “ދެން”އަށް މަޢުލޫމާތު ދެއްވަމުން އެޗްޕީއޭއިން ވިދާޅުވީ އުމުރުން ދުވަސް ވީ މީހެއްގެ ގަޔަށް ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒް ޖެހި މައްސަލަ އެޗްޕީއޭގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި ހެލްތް ފެސިލިޓީތަކާއެކު މަޝްވަރާކުރަމުންދާ ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

“އެޗްޕީއޭގެ ސަމާލު ކަމަށް އައިސްފައި ވަނީ ތި މައްސަލަ. ސިއްހީ ހިދުމަތް ދޭ ތަންތަނާ އެކު މަސައްކަތް ކުރަނީ ބަލަން ޖެހޭ ކަންކަން ބެލުމަށް. އަދި ދޭން ޖެހޭ އިރުޝާދުތަކާ އަދި ކަން ކުރިޔަށް ގެންދާނެ ގޮތަކާ މެދު”

ކޮވިޑް-19ގެ އާލަމީ ވަބާއިން ސަލާމަތްވުމަށް ރާއްޖޭގައި މިހާރު ވެކެސިންގެ ތިންވަނަ ޑޯޒް ވަނީ ޖަހަން ފަށައިފައެވެ. ރާއްޖެއިން މިހާރު ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 98،014 މީހެކެވެ.

ރާއްޖޭގައި ކޮވިޑްގެ ބޫސްޓާ ޑޯޒް ޖަހަނީ ކޮވިޝިލްޑް/ އެސްޓްރަޒެނެކާ، ސިނޮފާމް އަދި ފައިޒާ ހިމެނޭހެން ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ ދެވަނަ ޑޯޒް ޖެހި ފަހުން 6 މަސް ފުރިހަމަ ވެފައިވާ މީހުންނަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!