ޚަބަރު

ޖޭއެސްސީގައި ސިޔާސީ މީހަކު އިނުން މުހިންމު: ރައީސް ނަޝީދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ރައީސް މުޙައްމަދު ނަޝީދު.. ދެން އިމޭޖެސް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުންގެ އިޙްސާސްތައް ދަންނަ މީހަކު އިނުމަކީ މުހިންމު ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް ނަޝީދު މިހެން ވިދާޅުވީ، ޖޭއެސްސީގައި ސިޔާސީ މީހުން ނުހިމެނޭ ގޮތް ހެދުމަށް އިދިކޮޅުން، މަހިބަދޫ ދާއިރާގެ ޕީޕީއެމް މެންބަރު އަހްމަދު ތޯރިޤް މިއަދު ހުށަހެޅުއްވި އިސްލާޙަށް ރިޔާސަތުގައި އިންނަވާ ދެއްކެވި ވާހަކަފުޅުގައެވެ. ގާނޫނުއަސާސީއަށް ހުށަހެޅުއްވި މި އިސްލާހުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ފަށައިފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، މިހާރު ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިންނަވާ ކަމަށާއި ނަމަވެސް މަޖިލީހުގެ ރައީސަކީ ދައުލަތުގެ އެއްބާރު ކަމަށް ވާއިރު، ޖޭއެސްސީގައި މަޖިލީހުގެ ރައީސް އިނުމަކީ އުނި ކަމެއް ކަމަށެވެ. ނަމަވެސް މަޖިލީހުގެ މެންބަރެއް އެ ތަނުގައި އިނުމަކީ އެތަނަށް ރައްޔިތުންގެ އިހްސާސްތައް ދަންނަ މީހެއް ލުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"މަޖިލީހުގެ މެންބަރުންގެ ތެރެއިން މެންބަރަކު ޖޭއެސްސީގައި އިނުމަކީ އެ ތަނަށް ސިޔާސީ ބާރުވެރިކަން ފޯރުވަން ޖެހޭ މިންވަރަށް ފޯރުވުމަށް ބޭނުންތެރިކަމެއް" ރައީސް ނަޝީދު ވިދާޅުވީ، މަގާމުގެ ހައިސިއްޔަތުން ޖޭއެސްސީގައި ބަންޑާރަ ނައިބު އިންނެވުމަކީ ވެސް މުހިންމު ކަމެއް ކަމަށާއި ނަމަވެސް ރައީސް ކަނޑައަޅާ އިރުތު މެންބަރުނުް ތިބުމަކީ މުހިންމު ކަމެއް ނޫން ކަމަށެވެ.

"ޖޭއެސްސީގައި ބަންޑާރަނައިބު އިނުމުގެ ބޭނުންތެރިކަން ފާހަގަވޭ. އެހެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އިތުރު މެންބަރެއް އެ ކޮމިޝަންގައި ހިމެނުމަށް ސަބަބު މެދުވެރިކުރުމަށް ބަޔާން ކުރުމަށް ދަތި."

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!