މާދަމާގެ ވަގުތެއްގައި ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭނެ ކަމަށް ބައެއް އިދާރާތަކުން ބުނެފައިވާތީ ޔޫކްރެއިންގެ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިންއަށް ހަމަލާދޭން ފަށާނެކަމަށް އެމެރިކާއިން ވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން ޔޫކްރެއިންގެ ރައީސް ވެސް ވަނީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވައިފައެވެ.
ޔޫކްރެއިންގެ ހާލަތާ ގުޅިގެން ރައީސް ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިއީ ކަންބޮޑުވާ ހާލަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ރަޝިޔާއަކީ ވެސް އަދި ޔޫކްރެއިންއަކީ ވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރާތްކުރާ ދެ ގައުމު ކަމަށާއި ހަނގުރާމައެއް ފަށައިފި ހާލަތެއްގައި ތަޞައްވަރު ވެސް ކޮށްފައި ނުވާ ފަދަ ނޭދެވޭ އަސަރުތަކެއް ރާއްޖެއަށް ކުރާނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މިކަމާ ގުޅިގެން ރާއްޖެއަށް ކޮށްފާނެ އަސަރުތަކަށް ސަރުކާރު ތައްޔާރުވުމަށް ވެސް އެދިވަޑައިގެންފައެވެ.
ޔޫކްރެއިންއަކީ ރާއްޖޭގެ ގިނަ އަދަދެއްގެ ދަރިވަރުން ވެސް މަތީ ތައުލީމު އުނގެނެމުން އަންނަ ގައުމެކެވެ. ހާއްސަކޮށް ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކުރާ ދަރިވަރުން ފާހަގަކޮށްލެވެއެވެ.
ޔޫކްރެއިންގައި ތިބި އެހެން ގައުމުތަކުގެ މީހުން އެގައުމުން ފޭބުމަށް އެމެރިކާއިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ގޮވައިލައިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ޔޫކްރެއިންގައި ތިބި އިންޑިއާ ދަރިވަރުންނާއި އާއިލާތައް ވަނީ އަނބުރާ ގައުމަށް ގެންގޮސްފައެވެ. އެކަމަށް ޓަކައި އިންޑިއާ ސަރުކާރުން ތިން ފްލައިޓު ޗާޓާ ކުރިކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުންނާއި، އެމްބަސީން ވާހަކަ ދެކެވުނު ނަމަވެސް އެ ދަރިވަރުން އަނބުރާ މާލެ ގެންނާނެ ދުވަހެއް ފޮރިން މިނިސްޓްރީން އަދި އާންމެއް ނުކުރެއެވެ.