ކޮއްކޮއަށް ކެމްޕޭން ކުރާ ކަމަށް ބުނެ ސޯނޫ ސޫދު ގޭބަންދުކޮށްފި
އިންޑިއާގައި މިހާރު ހިނގަމުންދާ ސްޓޭޓް ލެޖެސްލޭޓިވް އެސެމްބްލީ އިންތިޚާބުގައި ޕަންޖާބުގެ މޯގާއަށް ކުރިމަތިލައިފައިވާ ކޮންގްރެސް ޕާޓީގެ ކެނޑިޑޭޓް މަލްވިކާ ސޫދަށް ކެމްޕެއިންކޮށްދޭ ކަމުގެ ތުހުމަތުގައި ވޯޓްލާ މަރުކަޒުތަކަށް ދިޔަ ނުދީ ، އޭނާގެ ބޭބެ އެކްޓަރ ސޯނޫ ސޫދު ގޭބަންދުކޮށްފިއެވެ.
އިންޑިއާގެ މީޑިއާތައް ބުނާ ގޮތުގައި , އިއްޔެ ، ޕަންޖާބުގައި ވޯޓްލުން ކުރިއަށް ދިޔައިރު އިލެކްޝަންސް ކޮމިޝަނުން ވަނީ ސޯނޫ ސޫދު ވޯޓްލާ މަރުކަޒުތަކަށް ދިޔަ ނުދީ ހިފަހައްޓައިފައެވެ. މިކަން ކޮށްފައި ވަނީ ސޯނޫ ސޫދު ވޯޓަށް ނުފޫޒު ފޯރުވާކަމަށް ބުނެ ޝިރަމޮނީ އަކިލަދާލް ޕާޓީއިން މޯގާއަށް ކުރިމަތިލައިފައިވާ ކެނޑިޑޭޓްގެ ސަޕޯޓަރެއް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.
ސޯނޫ ސޫދު ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށްފައެވެ. އޭނާ ބުނީ އެއްވެސް ޕާޓީގެ އެއްވެސް ކެނޑިޑޭޓަކަށް ވޯޓް ދޭން ބުނެފައި ނުވާނެ ކަމަށެވެ. ނަމަވެސް ގެއިން ބޭރަށް ނުނިކުތުމަށް އޭނާއަށް އަންގައިފައިވާ ކަމަށް ވެސް ސޯނޫއާ ހަވާލާދީ މީޑިއާތައް ބުނެފައި ވެއެވެ. އަދި ސަލާމަތީ ބާރުތަކުން ސޯނޫގެ ގޭގެ ބޭރުގައި ހަރަކާތްތެރިވަމުން ދިޔަ ކަމަށް ވެސް ޚަބަރުތައް ބުނެފައި ވެއެވެ.
ސޯނޫ ސޫދުގެ ކޮއްކޮ މަލްވިކާ މި އިންތިޚާބުގައި ވާދަކުރަނީ ކޮންގްރެސް ޕާޓީއިންނެވެ. އޭނާ އެ ޕާޓީއާ ގުޅިފައި ވަނީ އިންތިޚާބާ ވަރަށް ގާތްވެފައި ވަނިކޮށެވެ. އޭނާ ކުރިމަތިލައިފައިވާ މޯގާ ދާއިރާއަކީ ކޮންގްރެސް ޕާޓީގެ ސަޕޯޓް ބޮޑު ދާއިރާއެކެވެ. އެ ދާއިރާގެ މިހާރުގެ މެމްބަރު ބީޖޭޕީގެ ހަރޮޖަތު ކަމަލް ވެސް އިންތިޚާބުވީ ކޮންގްރެސްގެ ޓިކެޓްގައެވެ. މި އަހަރުގެ އިންތިޚާބުގައި ބީޖޭޕީއިން އެ ދާއިރާއަށް ވާދަކުރަނީ ވެސް ހަރޮޖަތުއެވެ.
ސޯނޫ ސޫދު ، މިދިޔަ ހަފްތާތަކުގައި ވަނީ ދައްތަގެ ކެމްޕެއިންގައި ޢަމަލީގޮތުން ބައިވެރިވެފައެވެ. ކޮވިޑް19ގެ ބަލިމަޑުކަމުގައި އިންޑިއާ ފުރަބަންދުކޮށް މަސައްކަތްތެރީން އެ މީހުންގެ އަވަށްތަކަށް ދިޔުމުގައި ދިމާވި ދަތިތަކާއި އެހެނިހެން ތަކްލީފްތަކުގައި ނަމޫނާ ޚިދުމަތެއްކޮށްދިން ސޯނޫ ވެފައި ވަނީ އާންމުންގެ މެދުގައި ވަރަށް މަގުބޫލު މީހަކަށެވެ.