މާލޭއިން ދަތުރުކުރާ ނަމަ މިހާރު ޕީސީއާރު ހަދާކަށް ނުޖެހޭނެ

މާލޭގައި ކޮވިޑް-19 ހަލުވިކަމާ އެކު ފެތުރެން ފެށުމާ އެކު އެޅި ފިޔަވަޅުތަކަށް ލުއި ދީފިއެވެ.
މާލޭގައި ފިޔަވަޅުތައް ހަރުކަށިކޮށްފައި ވަނީ މިދިޔަ މަހު 9ވަނަ ދުވަހުއެވެ. އެ ފިޔަވަޅުތަކާ އެކު މާލެއިން ކޮވިޑް-19އަށް ފައްސިވާ މީހުންގެ އަދަދުވަނީ ދަށްވެފައެވެ.
މާލެ ސަރަހައްދުގައި ދިނުމަށް ނިންމައިފައިވާ ލުއިތަކަކީ؛
- މާލޭގައި މީހުން އެއްވެ އުޅުމާއި، ހަފްލާތަކާއި އިވެންޓްތައް ބޭއްވުމަށް އޮތް ލިމިޓް އުވައިލުން.
- ކުޅިވަރު މުބާރާތްތަކަށް ކުޅިބަލާ މީހުންނަށް ނުވަދެވޭގޮތަށް އޮތް އޮތުން އުވައިލުން.
- މާލެއިން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރުމުގެ ކުރިން ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭ ގޮތަށް އޮތް އޮތުން އުވައިލުން.
ޕީސީއާރު ޓެސްޓާ ނުލައި ދަތުރު ކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތައް ކަމަށް މިހާރު ބަލަނީ ބޫސްޓަރ ޑޯސް ފުރިހަމަކޮށް، 14 ދުވަސް ވެފައިވާ މީހުންނެވެ.
އެޗްޕީއޭއިން ލުއިތައް ދޭން ނިންމައިފައިވާއިރު، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލޭ ސަރަހައްދުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 104 މީހުންނެވެ. މާލެއިން މި ބައްޔަށް ފައްސިވާ މީހުންގެ އަދަދު ދަށްވި ނަމަވެސް އަތޮޅުތަކުގެ ރަށްތަކުން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 670 މީހަކު ވަނީ ފައްސިވެފައެވެ.