ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަންނަވަނީ

އިދިކޮޅު ސިޔާސީ ލީޑަރ އަދި ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގއ. ވިލިނގިއްޔަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.
ރައީސް ޔާމީން ވިލިނގިއްޔަށް ވަޑައިގަންނަވަނީ ކުރިއަށް އޮތް ހަފްތާ ބަންދުގައެވެ.
އެނގިފައިވާ ގޮތުގައި ރައީސް ޔާމިން ވިލިގިއްޔަށް ކުރައްވާ މި ދަތުރުފުޅުގައި ވެސް، އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ހަރަކާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި ހަރަކާތުގައި ބައިވެރިވުމަށް ގއ. އަތޮޅުގައި ތިބި އެހެން ބައެއް ރަށްތަކުގައި ތިބި އިދިކޮޅު ސަޕޯޓަރުން ވެސް ވިލިނގިއްޔަށް ދިޔުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައޮލައި، އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ކެމްޕެއިނު ހަރަކާތްތައް، ރައީސް ޔާމީން މިނިވަންވީ ފަހުން ވަނީ އަތޮޅުތެރޭގައި ވެސް ފުޅާ ކުރައްވައިފައެވެ.
ނަމަވެސް މި ހަރަކާތް ކުށްވެރިކުރައްވައި ހުއްޓުވުމަށް ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއިން ވަނީ މަސައްކަތް ފަށައިފައެވެ. އެގޮތުން ދިވެހި ދައުލަތުން އެކި ގައުމުތަކާ އެކު ގާއިމުކޮށްފައިވާ ގުޅުންތަކަށް ނޭދެވޭ އަސަރު ފޯރާ ގޮތަށް ހިންގާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ހަދަން ޑްރާފްޓް ކޮށްފައިވާ ބިލެއް މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ދަނީ މަޝްވަރާކުރަމުންނެވެ.
ޢިންޑިޔާ އައުޓް