ދީން

ﷲ ލޯބިވެވޮޑިގަންނަވާ އަޅަކަށް ނޫނީ ނުދެއްވާ އެއްޗެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނެތުމުގެ ތެރެއިން އަޅަމެން އުފައްދަވައި ، އަދި އެ ފަރާތެއްގެ ޙަޟްރަތަށް އަޅަމެން ރުޖޫޢަވާން ޖެހޭ ﷲ ތަޢާލާގެ ރުއްސެވުމާއި ފުއްސެވުން ލިބުމަކީ މީހަކަށް ދުނިޔެމަތީގައި ވެސް އަދި އާޚިރަތުގައި ވެސް ލިބޭނޭ އެންމެ ބޮޑު ނަޞީބެވެ. އެންމެ ބޮޑު ކާމިޔާބެވެ.

Ads by Hajj Corporation

ﷲ ޞުބުޙާނަހޫ ވަތަޢާލާ ލޯބިވެވޮޑިގަންނަވާ އަޅުންނަށާއި ލޯބިވެވޮޑިގެން ނުވާ އަޅުންނަށް ވެސް އެ އިލާހު ދުނިޔެ ދެއްވައެވެ. ކާމިޔާބީއާއި އުފާ ދެއްވައެވެ. ނަމަވެސް އެ އިލާހު ލޯބިވެވޮޑިގެންވާ އަޅަކަށް މެނުވީ ނުދެއްވާނެ އެއްޗެއް ވެއެވެ.

ރަޞޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވައިފައި ވެއެވެ.

ولا يُعْطِي الدِّينَ إلا مَن يُحِّب

ﷲ ލޯބިވެވޮޑިގެންވާ އަޅަކަށް މެނުވީ އެ އިލާހު ދީންވެރިކަން ނުދެއްވައެވެ.

އެހެންކަމުން ނަމާދުކޮށް ، ޤުރުއާން ކިޔަވާ ހިތްވުމާއި ސުންނަތް ރޯދަ ހިފުން ފަދަ އަޅުކަންތައް ކުރުމަށް ލޯބިކޮށް އެ އިލާހު ނުރުއްސަވާ ކަންތައްތަކަށް ކުރުމަށް ބިރުގަންނަ މީހެއް ނަމަ އުފާކުރުން ހުއްޓެވެ. އެކަމާ ﷲއަށް ޙަމްދުކުރުން ހުއްޓެވެ. އެހެނީ ، އެ ކަންކަމީ ﷲ ރުއްސަވާ އަޅަކަށް ނޫނީ ނުދެއްވާނެ އެއްޗެއްކަން އެވަނީ ކީރިތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ބަސްފުޅުން އެނގި ސާފުވެފައެވެ.

ހަމަ މި މަގާމުގައި ފާހަގަކޮށްލާން ޖެހޭ އަނެއް ކަމަކީ މީގެ އަނެއް ބާވަތެވެ. މިސްކިތަށް ދިޔުމަށް ކަންނެތްވެ ، ޤުރުއާންގެ އަކުރެއް ކިޔަވަން ދޫ ބަރުވެ ، ދީނީ ކަންތައްތަކަށް ފަރުވާ ކުޑަކުރެވޭ ނަމަ ކަމުގެ ނުރައްކާތެރިކަމާ މެދު ވިސްނައި ފިކުރު ކުރައްވާށެވެ. ﷲގެ ނުރުއްސެވުމުން ނުކުމެ ، ހިދާޔަތުގެ މަގަށް އެނބުރި ރުޖޫޢަވުމަށް މަސައްކަތް ކުރައްވާށެވެ.

(ޝައިޚް ސަމީރުގެ ދަރުހަކުން)

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!