ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހި ކަމަށް ބުނެ ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
އެ ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރީނދޫ ކުލަ ލައިފައިވާ ށ. ފޭދޫ އާންމު ތަނެއްގެ ފާރުގައި އިންޑިއާ އައުޓް ޖެހިކަމަށް ބުނެ އިއްޔެގެ ވަގުތެއްގައި އެ ރަށު ދެ ޒުވާނަކު ހައްޔަރުކޮށް، ރޭ ހަތަރުދަމު ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުގައި ރަހީނުކޮށްފައި ބޭތިއްބުމަށް ފަހު މިއަދު ކޯޓަށް ގެންގޮސް އެ މީހުންގެ ބަންދަށް 7 ދުވަސް ޖަހައިފައި ވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ އެ އަމަލު ކުށްވެރި ކުރާ ކަމަށެވެ.
އަދި އިމާރާތެއްގެ ފާރެއްގައި މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާ ހިލާފު ނުވާ އެއްޗެއް ލިޔުން ނުވަތަ އެފަދަ ޝުއޫރެއް ދުލާއި ގަލަމުން ފާޅުކުރުމަކީ ދިވެހި ޖުމްހޫރިއްޔާއާއި ގާނޫނުތައް ހުއްދަ ކުރާ ކަމެއް ކަމަަށާއި އަދި އެފަދަ ކަމެއް މަނާކުރާ އެއްވެސް ގާނޫނެއް ނެތް އިރު އެފަދަ ޝުއޫރެއް އާންމު ތަނެއްގައި ބަޔަކު ލިޔުން އެއީ މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދެކި ހައްޔަރުކޮށް މުއްދަތު ޖަހާ ހިލިހިލާ ޖަހައިގެން ގެންގުޅުން އެއީ ދިވެހި ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އަދި މިފަދައިން ޒުވާނުންގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖެހުމުން ދިވެހި ސަރުކާރު އިންޑިއާގެ އުނގަށް ވެއްޓިފައިވާ މިންވަރު އިތުރަށް ހާމަވެ ފަޟީހަތްވާ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުން ބޭނުންހައި ގޮތެއް ހަދާ އިންޑިއާގެ އަސްކަރިއްޔާއަށް މިފަސްގަނޑުން ޖާގަދީ ގައުމުގެ އަގު ބޮޑެތި ހަޒާނާ އިންޑިއާއަށް ވިއްކައިލައިގެން ތިބެ އެ ފަރާތްތަކާ އިދިކޮޅަށް ބަސް ބުނާ ކޮންމެ މީހަކު ރަހީނުކޮށް ހިލިހިލާ ޖަހައިގެން އަނިޔާ ކުރެވިދާނެ ކަމަށް އެމްޑީޕީއަށާއި އެމްޑީޕީގެ ސަރުކާރަށް ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އިދިކޮޅު ކޯލިޝަނުން ވަނީ އެ ދެ މީހުން ދޫކޮށްލުމަށް ގޮވައިލައިފައެވެ.