އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލް ރެޑްނޯޓިސް ނެރެފި
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހައްޔަރުކުރުމަށް އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފިއެވެ.
ފުލުހުން މިއަދު ވިދާޅުވީ، ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
އަލީ ވަހީދު ހައްޔަރުކުރަން އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރެފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް ދީފައެއް ނުވެއެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް ބޭރުގެ އޭޖެންސީތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވެސް ވަނީ މަސައްކަތްކޮށްފައެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތައް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުމަށް ކްރިމިނަލް ކޯޓުން އޭނާއަށް ފުރުސަތު ދިނުމުން އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަނބުރާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ކޯޓުން އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކުރީ އޭނާގެ ބަދަލުގައި ޤައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވުމުންނެވެ.
ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވި އަލީ ވަހީދު އެނބުރި ރާއްޖެ އައުމަށް ހަތަރު މަހުގެ މުއްދަތެއް ދިނެވެ. އަދި އެ މުއްދަތުގައި އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާ ރާއްޖެއަށް ގެންނަން ތިން ދުވަހުގެ މުއްދަތެއް އަސްހަދަށް ދިނެވެ. އަދި ކޯޓުން ވަނީ އޭނާ ހައްޔަރު ކޮށްގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފައެވެ.