އެންމެ މާތް އިންސާނުންގެ ތެރެއިން ވުމަށް ކުރާން އޮތް އަޅުކަން!
ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދުސްތޫރެވެ. އެއީ ރޫޙީ ޝިފާއެކެވެ. ހިތްތަކަށް އޮތް ހަމަޖެހުމެކެވެ. ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ގެންގޮސްދޭ މަދަރުސާއެކެވެ.
رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮ ވެގެންވާ މީހަކީ ޤުރުއާން އުނގެނި އެ ޤުރުއާން އުނގަންނައިދޭ މީހާއެވެ."
މި ބަސްފުޅުގެ ތެދުކަމާއި މި ފަދަ މާތް ފޮތެއްގައި ލައްވައިފައިވާ ބަރަކާތާ މެދު ވިސްނައިލައްވާށެވެ.
ކީރިތި ޤުރުއާން އެ ރެއެއްގައި ބާއްވައިލެއްވި ރެއަކީ ރޭތަކުގެ ތެރެއިން އެންމެ މާތް ރެއެވެ. އެ ފޮތް ބާއްވައިލެއްވި މައްސަރަކީ މައްސަރުތަކުގެ ތެރެއިން އެންމެ މާތް މައްސަރެވެ. އެ ފޮތް އެ ބޭކަލެއްގެ މައްޗަށް ބާއްވައިލެއްވުނު އިންސާނާއަކީ މި ދުނިޔެ މަތީގައި ފައިންޕުޅު ބީއްސެވި އެންމެ މާތް އިންސާނާއެވެ. އެ ފޮތް އެ މަލާއިކަތް ބޭކަލެއް މެދުވެރިކުރައްވައި ބާއްވައިލެއްވުނު މަލާއިކަތް ބޭކަލަކީ އެންމެ މާތް މަލާއިކަތެވެ. އެ ފޮތް އެ އުއްމަތަކަށް ބާއްވައިލެއްވުނު އުއްމަތަކީ އެންމެ މާތް އުއްމަތެވެ.
މި ހުރިހައި ކަމަކުން އެނގިގެންދަނީ ކީރިތި ޤުރުއާނާ އެކުގައި ވާ ކޮންމެ މީހަކީ މަތިވެރިވެގެންވާ މީހެއް ކަމެވެ. ﷲ ގަންދީ ބުނަމެވެ. ކީރިތި ޤުރުއާނާ އެކުގައިވާ ހިތެއްގައި މާޔޫސްކަމެއް ، ހިތްދަތިކަމެއް ، ނުލައްވާ ހުއްޓެވެ. އެހެންކަމުން ހިނގާން އޮތް މަގަކީ އެ ފޮތް އަހަރެމެންނަށް ދައްކައިދޭ މަގެވެ. އުޅޭން އޮތް ގޮތަކީ އެ ޤުރުއާން ބުނެދޭ ގޮތެވެ. ހިތްތައް އަލިކުރާންވީ އެ ޤުރުއާންގެ ނޫރުންނެވެ.
ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.
مَا أَنزَلْنَا عَلَيْكَ الْقُرْآنَ لِتَشْقَىٰ – {طه 2 } “މި ޤުރުއާން ތިބާގެ މައްޗަށް ބާވައިލެއްވީ، ތިބާގެ ހިތްދަތިވެ، އަބާއްޖަވެރިވުމަކަށް ނޫނެވެ.”