އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން: އަލީ ވަހީދު
ބޭއިންސާފުގެ ކުރިމަތީ އަމާން ނުދޭނެ ކަމަށާއި އޭނާގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނެ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
އަލީ ވަހީދު މި ފަދައިން ވިދާޅުވީ އޭނާ ހައްޔަރުކުރުމަށް އިންޓަޕޯލްއިން މިއަދު ރެޑް ނޯޓިސް ނެރުމާ ގުޅިގެންނެވެ. ފުލުހުން މިއަދު ވިދާޅުވީ، ރެޑް ނޯޓިސްއާ ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާ އެކު ކުރަން ޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން އަލީ ވަހީދު ވިދާޅުވީ ބޭއިންސާފުގެ ކުރިމަތީ އަމާންނުދޭނެ ކަމަށާއި އަނިޔާވެރިކަމުގެ ކުރިމަތީ ކުޑަކަކޫ ވެސް ނުޖަހާނެ ކަމަށެެވެ. އަދި އިރާދަފުޅުން ޙައްޤަށް ނަސްރު ލިބޭނެ ކަމަށާއި “ފްރޭމް ފަޅައި އަރައި ނުޙައްޤުންދޭ އަނިޔާގެ ބަދަލު ވެސް ހޯދާނަން. އަޅުގަނޑުގެ މައުސޫމްކަން ދުނިޔެއަށް ސާބިތުކޮށްދޭނަން. ސަރުކާރާ ދެކޮޅަށް ހުރިހުރުން ގުޑުވާނުލެވޭނެ”ކަމަށް އަލީ ވަހީދު ވިދާޅުވިއެވެ.
ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތު އުފުލިފައިވާ އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް ބޭރުގެ އޭޖެންސީތަކާ ގުޅިގެން ފުލުހުން މީގެ ކުރިން ވެސް ވަނީ މަސައްކަތްކޮށްފައެވެ.
އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ދައުލަތުން ވަނީ ހަތް ދައުވާއެއް އުފުލައިފައެވެ. އެ ދައުވާތައް އުފުލައިފައި ވަނިކޮށް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރައިވަޑައިގަތުމަށް ކްރިމިނަލް ކޯޓުން އޭނާއަށް ފުރުސަތު ދިނުމުން އިނގިރޭސިވިލާތަށް ވަޑައިގެންނެވި ގޮތަށް އަނބުރައި ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. ކޯޓުން އޭނާގެ ޕާސްޕޯޓު ހަތަރު މަހަށް ދޫކުރީ އޭނާގެ ބަދަލުގައި ޤައުމީ ފުޓްބޯޅަ ކުޅުންތެރިޔާ އަދި ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ ޖާމިނުވުމުންނެވެ.
ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވި އަލީ ވަހީދު އެނބުރި ރާއްޖެ އައުމަށް ހަތަރު މަހުގެ މުއްދަތެއް ދިނެވެ. އެ މުއްދަތުގައި އޭނާ އެނބުރި ވަޑައިނުގަތުމުން އޭނާ ރާއްޖެއަށް ގެންނެވުމަށް ތިން ދުވަހުގެ މުއްދަތެއް އަސްހަދަށް ދިނެވެ.
ކޯޓުން ވަނީ އޭނާ ހައްޔަރު ކޮށްގެން ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ވެސް ނެރެފައެވެ.
މަަައުސޫމުކަން ދައްކަވަން ޤައުމު ދޫކުރަައްވާ ފިލެވީ ވަގުންވެސް މައުސޫމު ހާއިނުންވެސް މައުސޫމު ގާތިލުންވެސް މައުސޫމު މުޖުރިމުންވެސް މައުސޫމު