ޚަބަރު

ހުކުމް ތަންފީޒު ކުރުމަށް ފަހު އަޑުބަރޭ މިނިވަންވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އަސްއަދު އަލީ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަޑުބަރޭއާ އެކު/ ފޮޓޯ: ދި އެޑިޝަން

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަމެންޓްގެ ކުރީގެ ސްޓޭޓް މިނިސްޓަރ އަސްއަދު އަލީ (އަޑުބަރޭ) ޖަލަށް ލާން ކުރި ހުކުމް ތަންފީޒު ކުރުމަށް ފަހު އޭނާ މިއަދު މިނިވަންވެއްޖެއެވެ.

Ads by MWSC

އަޑުބަރޭ ޖަލަށް ލާން ހުކުމް ކޮށްފައި ވަނީ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށް ރާއްޖެއަށް އެނބުރި ވަޑައިގަންނަވަން އެންގެވުމުން ވެސް، ދެއްވި މުއްދަތުތަކުގައި އެނބުރި ވަޑައިގެންފައި ނުވާ މައްސަލައިގައެވެ. ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރައިވަޑައިގެންފައި ވަނީ އަޑުބަރޭ ޖާމިނުވާ ގޮތަށެވެ.

ނަމަވެސް އަލީ ވަހީދު އަނބުރާ ވަޑައިގަތުމަށް އަޑުބަރޭއަށް ދިން މުއްދަތުގައި ވެސް އޭނާ އެނބުރި ރާއްޖެ ވަޑައިގެންފައި ނުވާތީ، ކްރިމިނަލް ކޯޓުން ވަނީ އަލީ ވަހީދު ރާއްޖެ ގެންނަވާނެ ކަމަށް ވެފައިވާ އިގުރާރާ ހިލާފުވެ، ކޯޓުގެ ހުރުމަތް ކެނޑުމުން، އަޑުބަރޭގެ މައްޗަށް 15 ދުވަހުގެ ޖަލު ހުކުމެއް މިދިޔަ މަހުގެ ދެވަނަ ދުވަހު އިއްވައިފައެވެ.

އެ ހުކުމް ތަންފީޒު ކުރުމަށްފަހު އަޑުބަރޭ މިހާރު ވަނީ މިނިވަން ވެފައިކަން ކަރެކްޝަންސްއިން ވެސް ވަނީ ބައެއް މީޑިއާތަކަށް ޔަގީންކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި، އަޑުބަރޭގެ މައްޗަށް އިއްވި ހުކުމް ތަންފީޒުކޮށް އޭނާ މިއަދު މިނިވަންވި ކަމުގައި ވިޔަސް ޖާމިނުވި އެއްބަސްވުމާ ޚިލާފުވުމުން އެކަމުގެ އަދަބެއްގެ ގޮތުގައި އަހަރު ދުވަހުގެ ޖަލު ހުުކުމެއް އަސްއަދަށް އިއްވުމަކީ ކައިރި ކަމެކެވެ.

ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް ކުޅެމުންދާ އަސްއަދަށް ހުކުމް އިއްވި އިރު އޭނާ ހުރީ ރާއްޖެއިން ބޭރުގައެވެ. އޭނާ އެނބުރި ރާއްޖެ އައިސް ކަރެކްޝަންސްގެ ބެލުމުގެ ދަށަށް ގޮސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 19ވަނަ ދުވަހުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!