ޚަބަރު

ރަޝިއާގެ އާރުޓީ ޗެނަލް މީޑިއާނެޓުން ނުފެންނާތީ ގިނަ ބައެއްގެ ނުރުހުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގިނަ ދިވެހިންގެ ތެރޭގައި ވެސް މަޝްހޫރު ޗެނަލްއެއް ކަމަށްވާ، ރަޝިޔާ ޓުޑޭ ޗެނަލް ދުރަށް ފޮނުވުން، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ފޯރުކޮށްދޭ މީޑިއާނެޓުން ހުއްޓައިލުމާ ގުޅިގެން އެ ކުންފުންޏަށް ގިނަ ބަޔަކު ފާޑު ކިޔައިފިއެވެ.

Ads by STELCO

ރަޝިޔާ ޓުޑޭއަކީ ރަޝިޔާގެ ސަރުކާރުން ފަންޑްކޮށްގެން، ޕްރޮޕެގެންޑާ ފަތުރާ ޗެނަލްއެއް ކަމަށް ބުނެ، ހުޅަނގުގެ ބައެއް ޤައުމުތަކުން އެ ޗެނަލް ވަނީ ބްލޮކްކޮށްފައެވެ. އަދި ރަޝިޔާގެ އެންމެ ފަހުގެ ޚަބަރުތައް ހޯދުމުގައި ފޭސްބުކް އަދި ޓްވިޓަރއިން ވެސް ވަނީ ދަތިކޮށްފައެވެ. މީގެ އިތުރުން، ގޫގްލް، ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކޮށް، ރަޝިޔާ ޓްޑޭއަށް ފައިސާ ހޯދޭނެ މަގު ބަންދުކޮށް، އެ ކުންފުނިތަކުން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.

މި ފިޔަވަޅުތައް އަޅައިފައި ވަނީ، ރަޝިޔާއިން ޔޫކްރެއިނަށް އަރައި ދެމުންދާ ހަމަލާތަކުގެ ކަވަރޭޖް ގެެނެސްދިނުމުގައި ޕްރޮޕެގެންޑާ ފަތުރާކަމަށް ބުނެއެވެ.

މީޑިއާ ނެޓުން އާރުޓީ ޗެނަލް ނުފެންނަތާ ދެ ދުވަހެއް ވެއްޖެ ކަމަށް މައުލޫމާތު ލިބެއެވެ. މީޑިއާ ނެޓުން މިއަދު ބުނެފައި ވަނީ، ޗެނަލް ދުރަށް ދެއްކުމުގައި ދަތިތަކާ ކުރިމަތިވެފައި ވަނީ، އެ ޗެނަލް ދެއްކުމުގެ ރައިޓްސް މީޑިއާނެޓުން ނަގައިފައިވާ ފަރާތުން އެ ޗެނަލް ސެޓެލައިޓް ފީޑުން ނެގުމާ ގުޅިގެންނެވެ.

އާރުޓީ ޗެނަލްއަކީ، ރަޝިޔާ އަދި ޔޫކްރެއިންގެ ޚަބަރުތައް ބެލުމަށް ގިނަ ދިވެހިން ބަލާ ޗެނަލެކެވެ. އެންގުމަކައި ނުލާ، ޗެނަލް ދުރަށް ނުފޮނުވުމުން މީޑިއާނެޓަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

"މަހުން މަހަށް ބުނި ވަރެއް ދައްކަމުން މިދަނީ. ބޭނުންހައި އިރަކު ބޭނުން ޗެނަލްއެއް ކަނޑައިލާކަށް ނޫން." މީސްމީޑިއާގައި ޚިޔާލުފާޅު ކުރި މީހަކު ބުންޏެވެ.

"ހުޅަނގުން ވަކި ޓީވީއެއް ނުބަލާށޭ ބުނީމަ، އެ ނުބަލަންވީ؟" އިތުރު މީހަކު ޚިޔާލު ފާޅުކުރިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!